ލަންކާ ހަމަލާގައި ބައިވެރިވި ޒަހުރާން ރާއްޖެ ނާންނަކަން ސާފެއް ނުވޭ: ރައީސް ނަޝީދު

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވިކަމަށް ބުނާ ޒަހުރާން ހާޝިމް ރާއްޖެއައިކަން އަދި ނާންނަކަންވެސް ސާފު ނުވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް މައްޗަންގޯޅި މެދު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އެމްޑީޕީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާގެ ހަމަލާގައި ބައިވެރިވި ޒަހުރާން ހާޝިމް، ދީނީ ވައުލު ދިނުމަށް ކަމަށްބުނެ، އެހެންނަމެއްގައި 2016 ގައި ރާއްޖެއައިކަން ނުވަތަ ނޫންކަން ސާބިތު ނުވާކަމަށެވެ. މީގެ އިތުރަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ބޭރު ޝެއިޚުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފުނުވެ އެފަދަ ފަރާތްތަކަށް ރާއްޖެއައުމުގެ ވިސާ ދިނުމަކީ ބުއްދިވެރިކަމެއްވެސް ނޫންކަމަށެވެ.
ސްރީލަންކާގެ ހަމަލާގައި ބައިވެރިވި ޒަހުރާން ހާޝިމް، އައިޑެންޓިޓީ އޮޅުވާލައިގެން 2016 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއައިވެސް ވޭތޯ ސުވާލު އުފައްދައި ރައީސް ނަޝީދު ޓްވީޓެއް ކުރެއްވި އިރު، ޒަހުރާން ރާއްޖެއައިކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަމާއި ގުޅިގެން މޯލްޑިވުސް އިމިގްރޭޝަނުން ބުނެފައި ވަނީ، ވޭތުވެދިއަ ފަސް އަހަރުވެސް އަދި އޭގެ ކުރިންވެސް ޒަހުރާން ރާއްޖެ އައިސްފައިނުވާ ކަމަށެވެ.
ހުސްވި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ރެކޯޑްތަކުން އޭނާ ރާއްޖެ އައިސްފައިވާ ކަމަށް ފެންނަން ނެތް ކަމަށެވެ. އަދި މިދަނޑިވަޅުގައި އެފަދަ ޚަބަރުތައް މީޑިއާތަކުން ފަތުރާއިރު ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ކަށަވަރުކޮށްފައި ނޫނީ އެފަދަ ޚަބަރުތައް ނުގެެނެސްދިނުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މީގެ އިތުރަށް އިމިގްރޭޝަނުން ބުނެފައިވަނީ ލަންކާއަށް ދިން ހަމަލާއާއި ގުޅިގެން ރާއްޖެއަށް އޮތް ނުރައްކާތެރިކަން އެނގޭ ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ކްރޮސް ބޯޑަރގެ ސެކިއުރިޓީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށާއި އަދި އެމަސައްކަތް ކުރިޔަށް ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި ވެއެވެ.
ރައީސް ނަޝީދުގެ ޓްވީޓުގައި ބޭރު ޝެއިޚުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފުނުވެ އެފަދަ ފަރާތްތަކަށް ރާއްޖެއައުމުގެ ވިސާ ދިނުމަކީ ބުއްދިވެރިކަމެއްވެސް ނޫންކަމަށް ބުނެފައިވާއިރު، އިމިގްރޭޝަނުން ބުނެފައި ވަނީ މި ދުވަސްވަރު ޚާއްސަ ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ ބޯޑަރ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ވިސާ ހަމަޖެހުނުކަން އިމިގުރޭޝަނުން ނާންގަނީސް ރާއްޖެ ދަތުރުކުރިނަމަވެސް، ރާއްޖެ އެތެރެވުމުގެ ހުއްދަނުދެވޭނެކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ވަނީ ވިދާޅުވެފައެވެ.
މި ރޯދަމަހު ޙިފްޡުކޮށް އިމާމުވެ ތަރާވީހު ކުރުމަށް 200 އަށްވުރެ ގިނަ ހާފިޡުންނަށް ހުއްދަދީފައިވާ ކަމަށާއި، އޭގެތެރޭގައި ގިނަ ވާނީ ބޭރުމީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ