ލުތުފީ ގެނައުމަކީ އުނދަގޫ ކަމެއް، އެކަމަކު ލުތުފީ ގެންނާނަން: ނަޝީދު

3 ނޮވެމްބަރު 1988 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، މިސަރުކާރުން ރާއްޖެ ގެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލުތުފީއަކީ އެތައް ބައެގެއް މަރާއި ނިކަމެތިކަމާ ގުޅިފައިވާ މީހެއް ކަމަށެވެ. ރާއްޖެ ދޫކޮށް ފިލަން ދިޔަ މީހުން އަނބުރާ ރާއްޖެ ގެނައުމަކީ ފަސޭހަ ކަަމެއް ނޫން ކަމަށާއި ރާއްޖޭގެ ތާރީހު އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަލްމަރްހޫމް އިބްރާހިމް ނާސިރު ރާއްޖެ ދޫކޮށް ދިއުމުން ރައީސް މައުމޫން ވަރަށް ބުރަ މަސައްކަތް ކުރެއްވި ނާސިރު ރާއްޖެ ގެންނަވަން. އެކަމަކު އެކަން ކާމިޔާބެއް ނުވި. ދެން އަޅުގަނޑު، އަޅުގަނޑުވެސް ރާއްޖެ ދޫކޮށް ދިޔައިން، އަޅުގަނޑެެއް ނުގެނެވުނު. ލުތުފީ ގެންނަން ހުރިހާ ސަރުކާރަކުން މަސައްކަތް ކުރި. ރާއްޖެ ދޫކޮށްދާ މީހުން ނުވަތަ ފިލާ މީހުން ހޯދައި، ގެނައުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ވާނެ ކަމެއް ނޫން. މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތް" ރައީސް ނަޝީދު ވިދާާޅުވިއެވެ.
ކޮންމެ ގޮތަކަށް ކަންކަން ހިނގާފައިވީ ނަމަވެސް މިސަރުކާރުން ލުތުފީ ރާއްޖެ ގެންނާނެ ކަމަށާއި އެކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ލަންކާއިން ވަނީ އދގެ އެތައް ޗާޓަރުތަކެއްގައި ސޮއިކޮށްފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ލުތުފީ ހަވާލުވީ އަމިއްލައަށް ކަމަށާ، އެއީ ކޮންމެ ދިވެއްސެކަށްވެސް ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެެވެ. އަދި ލުތުފީ އެމްބަސީއާއި ހަވާލުވި ދުވަހާއި، ޖެހިގެން އައި ދުވަހަކީ ލަންކާގެ އެތައް ތަނެއްގައި ބޮން ގޮއްވުމުގެ ހާދިސާތަކެއް ހިންގި ދުވަހެއް ކަމަށް ވުމުން އެދުވަސްވަރަކީ ލަންކާއަށް އެހެން ގައުމުތަކާ މުއާމަލާތް ކުރަން ދަތި ދުވަސްވަރަކަށް ވާނެ ކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ލުތުފީ ގެނައުމުގައި މަޖިލީހުން އަދާކުރެވޭނެ އެއްވެސް ދައުރެއް އެބައޮތް ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ އެކަމާ ގުޅޭގޮތުން ވަޒީރަކާ ސުވާލުކުރެއްވުމަށް މަޖިލީހަށް މިހާރު ވެސް ހުށަހެޅިފައިވާ ކަަމަށެވެ. އަދި މިހާރު ގުނަމުން މިދަނީ ގަވައިދުގެ ދަށުން ވަޒީރަށް ލިބެންޖެހޭ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ކަމަށްވެސް ވިދާޅުވި އެވެ. އުއްމީދަކީ މި 14 ދުވަސް ހަމަވުމުގެ ކުރިން ލުތުފީ ރާއްޖެ ގެނައުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ