ސަރުކާރުގެ ނުފޫޒެއް އޭސީސީއަކަށް އެއްވެސް އިރަކު ނޯވޭ: ޝާމިލް

ސަރުކާރުގެ ނުފޫޒު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެއްވެސް އިރަކު ނޯންނަ ކަމަށާއި އޭސީސީގެ މިނިވަންކަމާ މެދު އާންމުންނަށް ސުވާލު އުފެދެނީ މައްސަލަތަކުގެ އަވަސްލަސްމިނުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - ޝާމިލް މިހެން ވިދާޅުވީ އެ ކޮމިޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 
ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ސުވާލުކުރެއްވީ:
ސަރުކާރުގެ ނުވަތަ ސަރުކާރުގެ އިސްވެރިއެއްގެ ނުފޫޒެއް އޭސީސީގެ މައްޗަށް އޮތްތޯ ނުވަތަ ސަރުކާރުން އޭސީސީގެ މަސައްކަތަށް ހުރަސް އަޅާތޯ؟
މި ސުވާލުކުރަނީ އޭސީސީއަކީ މިނިވަންތަނެއް ނޫން ކަމަށް ބުނެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ވިދާޅުވި
ތަފްސީލް - ޖަވާބުގައި ޝާމިލް ވިދާޅުވީ ގާނޫނުއަސާސީގައި އޭސީސީ ސިފަކޮށްފައިވަނީ "ޖެހިލުމެއް ނެތި" މަސައްކަތްކުރާ ތަނެއްގެ ގޮތުގައި އޮންނަންޖެހޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ބައެއް ހާލަތްތަކުގައި ކޮމިޝަނުގެ މިނިވަންކަމާ މެދު ނުވަތަ ނުފޫޒާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ތަހުގީގުތަކުގެ އަވަސްލަސްމިނުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ. އެކަމަކު އެ ކޮމިޝަނުގެ މައްޗަށް އެއްވެސް އިރެއްގައި ސަރުކާރުގެ ނުފޫޒެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ޝާމިލް ވިދާޅުވީ:
ބައެއް މައްސަލަތަކުގެ ތަހުގީގު މާ ބޮޑަށް ދިގުލައިގެން ދިއުމުން ބައެއް މީހުންނަށް ހީވެދާނެ ތަހުގީގު ގަސްތުގައި އޭސީސީން ލަސްކުރަނީ ކަމަށް
ބައެއް މައްސަލަތައް ލަސްވާ ސަބަބުތައް ވެސް އެބަހުރޭ
އޭސީސީން ތަހުގީގުކުރާ މައްސަލަތަކާއި އޮޑިޓުތަކާ ވަރަށް ތަފާތު؛ އޭސީސީން މައްސަލަ ނިންމަންޖެހެނީ ޖިނާއީ އަދުލުގެ ނިޒާމުން
މައްސަލަ ނިންމުމުގައި ޖިނާއީ އަދުލުގެ ނިޒާމުން ކަށަވަރުކުރަންޖެހޭ ކަންކަން ހުރުމުންނާއި ފަންނީ ގާބިލުކަމާއި ވަސީލަތްތައް ހުރިގޮތުން ވެސް ގޮންޖެހުންތައް ދިމާވޭ
އެކަމަކު އޭސީސީގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން ދުވަހަކު މައްސަލައެއް ލަސްވެފައި އޮތް ކަމަކަށް ބޫލެއް ނުކުރެވޭ 
މި މަސައްކަތާ ހަވާލުވި ފަހުން ސަރުކާރަކުން އަދި މިހާރުގެ ސަރުކާރަކުން ވެސް މިވެނި މައްސަަލައެއް ބަލަން، ނުބަލަން، އަވަސްކުރަން ނުވަތަ ލަސްކުރަން ވެސް އަންގަފައެއް ނެތް
"އަދި ނުސީދާކޮށް ވެސް އެފަދަ ވާހަކައެއް، އަޅުގަނޑާ ހަމައަކަށް ހަމަ ގައިމު ވެސް [އައިސްފައެއް ނެތް]. ދެން އަޅުގަނޑަކަށް ނޭނގެ އެހެން މެންބަރުންގެ ގޮތެއް. އަޅުގަނޑާ ހަމައަކަށް ގައިމު ވެސް ވަކިން ނެތް. ކޮމިޝަނުގެ ހިންގުމާ ހަވާލުވެހުރި އިސް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މައްޗަކަށް ނެތް އެ ނުފޫޒެއް. ހަމަ ވަރަށް ސާފު އިބާރާތުން މި ދަންނަވަނީ،" ޝާމިލް ވިދާޅުވި އެވެ.
"އެކަމަކު ފަހަރެއްގައި ވެދާނެ މީހުން އެހެން ހީފުޅުކުރައްވާ ސަބަބެއްގެ ގޮތުގައި ބައެއް މައްސަލަތަކުގައި ލަސްވެފައި އޮތްއޮތުން."
ގުޅުންހުރި - މިއަދުގެ ބައްދަލުވުމުގައި ވަނީ، މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކާއި ބަލައިގަތް މައްސަލަތައް އަދި ދައުވާކުރަން ފޮނުވުނު މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފަ އެވެ. އަދި ކޮމިޝަނަށް ހުރި ގޮންޖެހުންތައް ވެސް ހިއްސާކޮށްފައިވެ އެވެ. 
މި ތަފާސްހިސާބުތަކުގައިވާ ގޮތުން މިިދިޔަ އަހަރު:
އެ ކޮމިޝަނަށް 1171 ޝަކުވާ ހުށަހެޅި؛ އޭގެ ތެރެއިން ބަލައިގަނެފައިވަނީ 732 މައްސަލަ 
409 މައްސަލަ ބަލައިނުގަނެ ދޫކޮށްލާފައިވޭ
ބަލައި ނިންމާފައިވަނީ 278 މައްސަލަ 
ތަހުގީގު ކުރާ މައްސަލަތަކުގައި ފާހަގަކުރެވޭ ދައުލަތުގެ އިދާރާތަކުގެ ހިންގުމުގައި ހުރި މައްސަލަތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރެގެން 60 އެންގުމެއް 45 އިދާރާއަކަށް އަންގާފައިވޭ 
ކުރީ އަހަރުތަކާ އެކު ފޮނުވުނު އެންގުންތައް ތަންފީޒުކޮށްފައިވާ މިންވަރު ބަލަން 35 ފޮލޯއަޕް ހަދާފައިވޭ 
އޭގެެ ތެރެއިން 18 އެންގުމެއް ތަންފީޒުކޮށްފަ ނުވާކަން ފާހަގަކުރެވޭ؛ ތަންފީޒުކޮށްފައިވަނީ 21 އެންގުމެއް، 57 އެންގުމެއް ތަންފީޒުކުރަން ފަށާފައިވޭ 
ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީ އޮފީހަށް 11 މައްސަލައެއް ފޮނުވާފައިވޭ؛ އޭގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގު ފުރިހަމަކުރަން އަނބުރާ އޭސީސީއަށް ފޮނުވާފައިވޭ
މި ތަފާސްހިސާބުތައް ކޮމިޓީއާ ހިއްސާކުރަމުން އޭސީސީގެ ޑިރެކްޓާ އޮފް ޕްރިވެންޝަން ފާތިމަތު އިބްނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބަލައިނުގަނެ ބައެއް މައްސަލަތައް ދޫކޮށްލާފައިވަނީ ތުުހަމަތު ސާފުނުވުމާއި އިތުރަށް މައުލޫމާތު ހޯދެން ނެތުމުން އަދި މެންޑޭޓަށް ނުފެތޭތީ ކަމަށެވެ. އަދި އަނެއް ބައި މައްސަލަތައް ބަލައިގަނެފައިނުވަނީ ތަކުރާރުކޮށް ހުށަހެޅުމުންނާއި އެއް މައްސަލައެއްގައި އެތައް ޝަކުވާތަކެއް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:
ބަޖެޓުގައި ހުރި ތާށިކަން
އެ ކޮމިޝަން ހިންގަމުންދާ އިމާރާތަކީ މީހެއްގެ ކުލީ އިމާރާތެއް ކަމުން ސެންސިޓިވް ޑޭޓާގެ ސެކިއުރީޓީ ކަށަވަރުކުރުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރި
ކޮމިޝަނަށް ތަހުގީގު ބޭނުމަށާއި އެހެން ބޭނުންތަކަށް ހާޒިރުކުރާ މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަަން ބެލެހެއްޓުމުގައި ވެސް އެކަމުގެ ސަބަބުން ދަތިވާކަން ފާހަގަކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ