ރައީސްގެ ނުސީދާ ރައްދެއް: ވަކި މީހަކަށް ވަކި ގޮތެއް ހެދުމަކީ "ޗޮއިސް" އެއް ނޫން، ނުވެސް ހަދާނަން
ގާނޫނީ ގޮތުން ވަކި މީހަކު ތަފާތު ކުރުމަކީ އޮތް 'ޗޮއިސް' އެއް ނޫން ކަމަށާއި، ވަކި މީހަކު ގާނޫނީ ގޮތުން ތަފާތެއް ވެސް ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިރޭ ރައްދުދެއްވައިފިއެވެ. ޕީއެންސީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރީގެ ސަރުކާރުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާއިރު، ސިޔާސީ ހުރިހާ ވެރިން ތިބެނީ ޖަލުގައި ކަމަށާއި މިއަދާ ހަމައަށް ބަދަލު ހިފުމުގެ ރޫހުގައި މި ސަރުކާރުން އަމަލު ކޮށްފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް ހަގީގީ މާނަގައިގައި ރާއްޖެއަށް ހަމަޖެހުން އަންނަން ބޭނުންވާ ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ އެ ވިސްނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ "ނުބައި ވިހަ އޮއިވަރު" ނައްތާލެވި، ގައުމު އިސްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޖަލުގައި ސިޔާސީ ވެރިން ލާން ހަދާފައި ހުރި ގޮޅިތައް މިހާރު ހުންނަނީ ހުހަށް ކަމަށެވެ. އެ ތަންތަނަށް ލާނެ މީހަކު ފޮނުވޭކަށް ނެތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެއީ ބަދަލު ނުހިފާތީ ކަމަށެވެ. އެހެނެއް ނޫން ޝަރުއީ ދާއިރާއިން އެ އޮންނަ އުސޫލުން ގާނޫނު ތަންފީޒުކުރުމާއި ގާނޫނުގެ ވެރިކަން މި ރާއްޖޭގައި ހިނގާނެ. އެއްވެސް މީހަކަށް ގާނޫނުގެ ވެރިކަމުގައި ތަފާތެއް ނުވާނެ. ގާނޫނުގެ ވެރިކަން ހިންގުމުގައި އަޅުގަނޑަކަށް އޮތް ޗޮއިސެއް ނޫން ތަފާތު ކުރުމަކީ. އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސެއް ނޫން އޭނާއާ މީނާއާ ތަފާތު ކުރުމަކީ ގާނޫނުގެ ވެރިކަމުގައި،ރައީސް ޑރ. މުޙައްމަދު މުއިއްޒު ގާނޫނީ ވެރިކަން ތަންފީޒުކުރުމުގައި ދޫދިނުމަކީ އަދުލުވެރިކަން ދޫކޮށްލުން ކަމަށާއި، އެކަމެއް ނުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އެފަދައިން ޔާމީނަށް ރައްދުދެއްވިއިރު، މި ސަރުކާރުން ދޭ މައާފެއް ބޭނުންފުޅު ނުވާކަމަށް ޔާމީން ވަނީ ރޭ ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މިދިޔަ ސަރުކާރުގައި ވެސް އެ މަނިކުފާނު ޖަލަށް ލީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ "ރިޔާސީ ވައުދުފުޅެއް ފުއްދަން" ކަމަށެވެ. އަދި ޞާލިހުގެ އަރިހަށް މިހާރުގެ ދެ މިނިސްޓަރަކު ވަޑައިގަތް ކަމަށާއި، އެ ދެ ބޭފުޅުން އެދިވަޑައިގަތީ އެ މަނިކުފާނު ޖަލުގައި މިނިވަންނުކޮށް ބޭއްވުމަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި މި ދެ ބޭފުޅުން ޞާލިހުގެ އަރިހަށް ދިޔައީ ރައީސް މުއިއްޒު ފޮނުއްވައިގެންނެވެ. https://sun.mv/213889 އެ ދެ ބޭފުޅުންގެ ނަން ހާމަ ނުކުރެއްވި ނަމަވެސް ޔާމީން ވިދާޅުވީ، ފަހުން ހާމަކުރައްވާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި މީގެ ކުރިން އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. އެ މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މަނިކުފާނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ