އިނގިރޭސި ވިލާތުގެ ކޭމްބްރިޖް ޔުނިވަސިޓީގެ، ނާރުތަކާ ބެހޭ އިލްމުގެ ސައެންސްވެރިން ބުނާ ގޮތުގައި އިންސާނަކު އުފަންވެ މުސްކުޅިވާ ހިސާބަށް ދާއިރު، އޭނާގެ ސިކުނޑި ފުރާފުރިހަމަވަނީ މައިގަނޑު ފަސް މަރުހަލާއަކުންނެވެ. މިއިން ކޮންމެ މަރުހަލާއެއްގައި އެކި ކަންކަމުގައި ސިކުނޑި މަސައްކަތް ކުރާ ގޮތް މުޅިން ތަފާތެވެ. ވިސްނުމުގަޔާއި އުނގެނުމުގަޔާއި ސުލޫކާއި އުމުރާ ގުޅިގެން ކުރާ އިހްސާސްތަކުގައި ސިކުނޑި މަސައްކަތް ކުރާ ގޮތް، މިއިން ކޮންމެ މަރުހަލާއެއްގައި ތަފާތެވެ.
ކޭމްބްރިޖްގެ އެމްއާރްސީ ކޮގްނީޝަން އެންޑް ބްރެއިން ސައެންސަސް ޔުނިޓްގެ ސައެންސްވެރިން ކުރި ދިރާސާއެއްގައި އެންމެ ތުއްތު ކުދިން ފެށިގެން 90 އަހަރާ ދެމެދުގައި 3802 މީހުންނާއި ކުދިންގެ ސިކުނޑީގެ އެމްއާރްއައި ސްކޭންތައް ތަހުލީލުކުރިއެވެ. މި ސްކޭންތަކުން ސައެންސްވެރިން ބަލައި ދިރާސާކުރީ ސިކުނޑީގެ ޓިޝޫތަކުގެ ތެރޭގައި ފެން ދައުރުކޮށްފައިވާ ގޮތްތަކެވެ. ފެނުގެ ދައުރުވުން ދިރާސާކުރުމުން، ސިކުނޑީގެ އެއް ސަރަހައްދާއި އަނެއް ސަރަހައްދު ގުޅުވައިދޭ ވިއުގަ ކުރަހައިލެވުނެވެ.
ނޭޗާ ކޮމިޔުނިކޭޝަންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސިކުނޑީގެ އޮނިގަނޑު ފުރާފުރިހަމަވެގެން ދަނީ މައިގަނޑު ފަސް މަރުހަލާއެއް ކަޑައްތުކުރުމުންނެވެ. އޭގެ ތެރެއިން ހަތަރު މަރުހަލާއެއް، އެއް މަރުހަލާ އާއި އަނެއް މަރުހަލާ ވަކިކޮށްދެނީ، ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ވަރަށް ބޮޑެތި ކުއްލި ބަދަލުތަކަކުންނެވެ.
އޭގެ ތެރެއިން ފުރަތަމައީ ޅަފަތުގެ މަރުހަލާއެވެ. މިއީ އުފަންވާ ހިނދުން ފެށިގެން އުމުރުން ނުވަ އަހަރާ ދެމެދުގެ މަރުހަލާއެވެ. އުމުރުން ނުވަ އަހަރުގައި ސިކުނޑިއަށް އަންނަ ބޮޑެތި ބަދަލުތަކަކާ އެކު، ކުޑަކުއްޖެއްގެ ފުރާއިން ފުރާވަރުގެ ފުރާއަށް ބަދަލުވެއެވެ. ކުއްޖެއްގެ މަރުހަލާއަށް ވުރެ ފުރާވަރު މަރުހަލާ ދިގުވެގެންދެއެވެ. ޒުވާން ދުވަސްވަރާ އެކުގައި މި މަރުހަލާ، އާންމު ގޮތެއްގައި އުމުރުން 32 އަހަރާ ހަމައަށް ދެމިގެންދެއެވެ.
އުމުރުން ތިރީހުގެ ކުރީކޮޅުގެ އަހަރުތަކުގައި ސިކުނޑީގެ އެތެރޭގެ އެމުނިއެކުލެވުން، ފުރާވަރުގެ ހާލަތު ދޫކޮށް ބޮޑުމީހެއްގެ ހާލަތަށް މުޅިން ބަދަލުވެއެވެ. މިއީ ސިކުނޑި ހޭދަކުރާ މައިގަނޑު ފަސް މަރުހަލާގެ ތެރެއިން އެންމެ ދިގު މަރުހަލާއެވެ. ގާތްގަނޑަކަށް 30 އަހަރަށް ދެމިގެންދާ މި މަރުހަލާ ނިމިގެން އައު މަރުހަލާއަކާ ކުރިމަތިލަނީ އުމުރުން 66 އަހަރުގައެވެ. މި މަރުހަލާއާ އެކު އެމީހަކު ކުރިމަތިލަނީ މުސްކުޅިވުމުގެ ފެށުމާއެވެ. މުސްކުޅިކަމުގެ ނިމުން އަންނަން ފަށަނީ އުމުރުން ގާތްގަނޑަކަށް 83 އަހަރުގައެވެ.
"އިންސާނާގެ ނަފްސު ހެދި ބޮޑުވުމާއި ޒާތީ ތަރައްގީގައި، ސިކުނޑީގެ ނާރުތަކުގެ ގުޅުމުގެ ވިއުގައިގެ މުހިންމުކަން އަހަރެމެންނަށް އެނގޭ. ނަމަވެސް އަހަރެމެންނަށް ނޭނގި އޮތް ކަމަކީ، އަހަރެމެންގެ ހަޔާތުގައި އެ ގުޅުންތައް ބަދަލުވެގެންދާ ގޮތާއި ބަދަލުވަނީ ކީއްވެގެންކަން،" މި ދިރާސާގެ ރިޕޯޓްގައި ކޭމްބްރިޖްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. އެލެކްސާ މޫސްލީ ވިދާޅުވެފައިވެއެވެ.
"މި ދިރާސާއަކީ އިންސާނާގެ ދުނިޔަވީ ހަޔާތް ފެށުނީއްސުރެ ގޮސް، އޭނާގެ އުމުރު ނިމުމާ ހަމައަށް، އިންސާނާގެ ސިކުނޑީގެ ތަފާތު ބައިތަކުގެ ނާރުތައް ގުޅުވިގެންދާ މައިގަނޑު މަރުހަލާތައް ދެނެގަތުމަށް ކުރެވުނު ފުރަތަމަ ދިރާސާ. އިންސާނާގެ ސިކުނޑި ހޭދަކުރާ މި ޒަމާންތަކަކީ، އަހަރެމެންގެ ސިކުނޑި އެންމެ ބަރާބަރަށް މަސައްކަތް ކުރަނީ ކޮން އުމުރުފުރާއެއްގައި ކަން ނުވަތަ އަހަރެމެންގެ ހަޔާތުގެ ތަފާތު އުމުރު ފުރާތަކުގެ ތެރެއިން އެންމެ ނާޒުކު ހާލަތުގައި ސިކުނޑި އޮންނަނީ ކޮން އުމުރުފުރާއެއްގައި ކަން، އަހަރެމެންނަށް ބުނެދޭ ޒަމާންތަކެއް."
މި ދިރާސާގެ ބައިވެރިން ބުނާ ގޮތުގައި ބައެއް މީހުންގެ ހަޔާތުގައި އަންނަ މުހިންމު ދަނޑިވަޅުތަކުގައި ނުވަތަ ދުވަސްވަރު، އެ މީހުންގެ ސިކުނޑި ތަރައްގީވާ ގޮތް، އެ ފުރާތަކުގައި އެހެން މީހުންގެ ސިކުނޑި ތަރައްގީވާ ގޮތާ ތަފާތުވަނީ ކީއްވެގެންކަން ދެނެގަތުމަށް އެހީވެދޭނެ ދިރާސާއެކެވެ. މި ތަފާތުތަކުގެ ތެރޭގައި، އެއް އުމުރުފުރާގެ ކުޑަކުދިންގެ ތެރެއިން ބައެއް ކުދިންނަށް، އުނގެނުމުގައި ދިމާވާ ދަތިތަކާއި، މުސްކުޅި އުމުރުފުރާގައި ބައެއް މީހުންނަށް ކުރިމަތިވާ، ހަނދާން ބަލިވުމާއި ބަސްމަގު ބޭނުންކުރަންވީ ގޮތް އޮޅުމާއި މައްސަލަތައް ހައްލުކުރުމުގައި ކުރިމަތިވާ އުނދަގޫތައް ހިމެނެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، އިންސާނާގެ ހަޔާތުގައި އޭނާގެ ސިކުނޑިއަށް ކުރިމަތިވާ މަރުހަލާތައް ތަފާތުކޮށް ދެނެގަނެފައިވަނީ، އޭނާގެ އުމުރުގެ އެކި މަރުހަލާތަކުގައި ސިކުނޑީގެ އެއް ބަޔާއި އަނެއް ބަޔާ ދެމެދު ގުޅުވައިދޭ ނާރުތައް ގުޅިގެންދާ ގޮތުގެ ތަފާތުތައް ދެނެގަނެގެންނެވެ.
ސިކުނޑި ފުރާފުރިހަމަވަނީ ފަސް މަރުހަލާއަކުން ސިކުނޑި ފުރާފުރިހަމަވަނީ ފަސް މަރުހަލާއަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ