ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) މެދުވެރިކޮށް މައުލޫމާތު ހާމަކުރަން ބޮޑު ހަރަދެއް ހިނގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްއެންޔޫގެ ދަރިވަރުންތަކެއް އިސްނަގައިގެން ބޭއްވި "ނޯ-ކެޕް ޖަސްޓް ފެކްޓްސް" ފޯރަމްގައި އިހުސާން ވިދާޅުވީ އާރްޓީއައި މެދުވެރިކޮށް މައުލޫމާތުތައް ހާމަކުރަން ބޮޑު ހަރަދެއް ހިނގާއިރު އެކަމަށް ގިނަ ގައުމުތަކުގައި އަގެއް ނަގާ ކަމަށެވެ.
"ދުނިޔޭގެ 130 އަކަށްހާ ގައުމެއްގައި މިހާރު ކޮންމެވެސް ފޯމް ޝޭޕެއްގައި އެބައޮވޭ ރިކުއެސްޓް ޓު އިންފޮމޭޝަން ގާނޫނީ ގޮތުން އޮނިގަނޑެއްގެ ތެރެއިން ގެނެސްފައި. އޮންނައިރު އޭގެ ތެރެއިން ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޗާޖު ކުރޭ އެ މައުލޫމާތަށް. އެ ޕޭ ކުރަން ޖެހޭ ކޮންމެވެސް ވަރެއް. ސަބަބަކީ އިޓް އިންވޯލްވްސް އަ ކޯސްޓް އޭގެ ބެކް އެންޑުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި އޮތް އާރްޓީއައިގެ ރަނގަޅު ނިޒާމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އިހުސާން ވިދާޅުވީ އެ މައުލޫމާތު ދޫކުރުމަށް ވެސް ހަރަދުކުރާނީ ކިހާ ވަރެއްތޯ ވެސް ނިންމަން ޖެހޭ ކަމަށެވެ.
"ދައުލަތެއްގެ ތެރޭގައި ބައްލަވާ 80 އެތައް އިންސްޓިޓިއުޝަނެއް މިސާލަކަށް އޮޕަރޭޓް ކުރަމުންދާއިރުގައި ކޮންމެ ދުވަހަކު އެއިން ކޮންމެ ތަނަކަށް އަންނަ އެ އިންފޮމޭޝަންތަކަށް ޖަވާބުދޭން ތިބޭ އަދަދު. އެއަށް އިންވެސްޓްކުރާނީ ކިހާ ވަރެއްތޯ އޭޒް އަ ސޮސައިޓީ ވިސްނަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އާރްޓީއައި ގާނޫނުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުގައި އިންފޮމޭޝަން އޮފިސަރުން ތިބުން ލާޒިމެވެ. އެގޮތުން އައިކޮމްގައި މިވަގުތު 1،033 އިންފޮމޭޝަން އޮފިސަރުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.
ހުށަހަޅާ އާރްޓީއައި ރިކުއެސްޓްގެ ތެރެއިން 62 ޕަސަންޓު އާރްޓީއައިއަށް ފުރިހަމައަށް ޖަވާބު ނުލިބޭ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މި އަހަރު އާންމުކުރި އާރްޓީއައި ގާނޫނަށް އަމަލުކުރުމާބެހޭ ކޮމްޕްރިހެންސިވް އެސެސްމަންޓުން ދައްކަ އެވެ.
ދައުލަތުގެ އިދާރާތައް ތަމްސީލުކުރެވޭ ގޮތަށް ތަފާތު ދާއިރާތަކުން 30 އިދާރާއަކުން ނަގާފައިވާ ސާމްޕަލްތަކުން ތައްޔާރުކުރި އެ އެސަސްމަންޓުގައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމަންޓުތައް، މިނިވަން މުއައްސަސާތައް، ކޯޓުތައް، ލޯކަލް ކައުންސިލްތައް އަދި ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނެ އެވެ.
އާރްޓީއައި މެދުވެރިކޮށް މައުލޫމާތު ހާމަކުރަން ބޮޑު ހަރަދެއް ހިނގާ: އިހުސާން އާރްޓީއައި މެދުވެރިކޮށް މައުލޫމާތު ހާމަކުރަން ބޮޑު ހަރަދެއް ހިނގާ: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ