ހާދިސާތައް އިތުރުވެ، ގެއްލުމަށް ކުރި ހޭދަ ވެސް 67 އިންސައްތަ އިތުރުވެއްޖެ

ހާދިސާތައް އިތުރުވެ، މިދިޔަ އަހަރު އެކި ހާދިސާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރި ހޭދަ ވެސް 67 އިންސައްތަ އިތުރުވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފާއިތުވި ދެ އަހަރު ވެސް ހާދިސާތަކުގައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އެންޑީއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު އެ އޮތޯރިޓީއަށް ރިޕޯޓުކުރީ 144 މައްސަލަ ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު ވަނީ 183 އަށް އިތުރުވެފައެވެ. އަދި، މިދިޔަ އަހަރު ޖުމުލަ 251 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެންޑީއެމްއޭއިން ބުނީ، ހާދިސާތައް ރިޕޯޓުކުރި މިންވަރު އިތުރުވީ ހަމައެކަނި ހާދިސާ ހިނގާ މިންވަރު އިތުރުވުމުން ނޫން ކަމަށާއި ރިޕޯޓުކުރުން ފަސޭހަވުމާއި، ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް ސަބަބެއް ކަމަށެވެ. https://sun.mv/214231 ރިޕޯޓުކުރި މިންވަރާ އެކު އެ ހާދިސާތަކާ ގުޅިގެން އެ އޮތޯރިޓީން ކުރި ހޭދަ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން: ތިން މިލިއަން ރުފިޔާ، އެއީ 2022 ވަނަ އަހަރު ހަ މިލިއަން ރުފިޔާ، އެއީ 2023 ވަނަ އަހަރު މިދިޔަ އަހަރު އެ އަދަދު 10 މިލިއަނަށް އެރި އެހެންވެ، މިދިޔަ އަހަރު ހާދިސާތަކާ ގުޅިގެން ކުރި ހޭދަ ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ހަތަރު މިލިއަން ރުފިޔާ އިތުރުވެފައެވެ. އެއީ، 67 އިންސައްތައިގެ އިތުރުވުމެކެވެ. މާލޭގައި ފެންބޮޑުވެފައި: ހާދިސާތައް ވަނީ އިތުރުވެފައި -- ސަން ފޮޓޯ މިދިޔަ އަހަރަށް ބަލާއިރު، އެންމެ ގިނައިން ހިނގާފައިވަނީ ފެންބޮޑުވުމުގެ ހާދިސާތަކެވެ. އެ ފަދަ 93 ހާދިސާއެއް އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވެއެވެ. ފެންވަދެގެން މިދިޔަ އަހަރު 1،423 ގެއަށް ވަނީ އަސަރުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެ ފަދަ 83 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ހިނގާފައިވަނީ ވައިބަރުވުމުން ހިނގި ހާދިސާތަކެވެ. އެ ފަދަ 57 ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން ވެސް ތޫފާންތަކާ ގުޅޭ އަށް ހާދިސާއަކާއި، ގޭސްފުޅި ގޮވުމުގެ ހަތަރު ހާދިސާއާއި، އުދަ އެރުމުގެ ތިން ހާދިސާއާއި ހޮނުއެޅުމުގެ ދެ ހާދިސާއެއްގެ އިތުރުން ކަނޑުމަތީގެ އެއް ހާދިސާ ރިޕޯޓުކޮށްފައިވެއެވެ. ހާދިސާތައް އިތުރުވެ، ކުރަން ޖެހުނު ހޭދަ ވެސް އިތުރުވާއިރު މިހާރު ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން، ރޭ ދަންވަރުން ފެށިގެން ގދ. އަތޮޅަށް ކުރަމުން އަންނަ ވިއްސާރައިގައި ތިނަދޫ ސިޓީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެ ސިޓީގެ ބައެއް ގެތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ