ޓައުންޝިޕް ހަދަން 790 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ހުއްދަ ދީފި
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގައިވާ ގޮތަށް މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ފުރަތަމަ ފަހަރަށް މިއަދު ބަޔަކަށް ހުއްދަ ދީފި އެވެ.އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސްއިން، މީހުންނަށް ދިރިއުޅެވޭ ގޮތަށް ޓައުންޝިޕެއް ގާއިމުކުރުމަށް ހުއްދަ ދިނީ ކަމާ ގުޅޭ ޕްރޮޕޯސަލެއް ހުށަހެޅުމާ ގުޅިގެން ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.އެސްއީޒެޑްގެ ގާނޫނު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާއެކު ގާއިމުކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާއެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމެވެ.އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ކަމަށެވެ. ޓައުންޝިޕްގައި ފަތުރުވެރިންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޮނެންޓަކާ އެކު އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. ރާއްޖެއިން ބޭރުކުރާ ކާބަން މަދުކުރުމުގެ ގޮތުން އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނިމިކް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކުރިމަގަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ