ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުރިހަމަ އެއްބާރުލުން ދޭނަން: ބަންގްލަދޭޝް ސަރުކާރު
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހަންމަދު ޔޫނުސް މިއަދު ދެއްވައިފިއެވެ. މި ޔަގީންކަން އޭނާ ދެއްވާފައި ވަނީ ރާއްޖެއިން ބަންގްލަދޭޝަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ގަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހޯމް މިނިސްޓްރީން ފަށައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ޝިއުނީން ވަނީ ޑރ. ޔޫނުސްއަށް އަރުވައިފައެވެ. އެއާއެކު ޑރ. ޔޫނުސް ވަނީ ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުން އެ ކަމުގައި ރާއްޖެއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ޑރ. ޔޫނުސް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންދެވާފައެވެ. އަދި އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިވީ ކުރު މުއްދަތުގައި ރައީސް މުއިއްޒާ ދެ ފަހަރެއްގެ މަތިން ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީއިން ބުނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި ބަންގްލަދޭޝަކީ މަތީ ތައުލީމާއި ވިޔަފާރީގެ ދާއިރާއިން ޚާއްސަ، ރާއްޖެއަށް މުހިންމު ގައުމެއްކަމަށް ޝިއުނީން ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ ސްކޮލާޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތުތައް ފާހަގަކުރެއްވިކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ބައިނަލްއަގްވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަޝްވަރާތަކުގައި ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކަގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތަށް ގުޅިގެން އެކީގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ