ޑައިލިސިސްގެ ޚިދުމަތަކީ ފުރާނައާއި ގުޅިފައިވާ ފަރުވާއެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ޑައިލިސިސްގެ ޚިދުމަތަކީ ފުރާނައާއި ގުޅިފައިވާ ފަރުވާއެއް ކަމަށާއި، އެއީ ކަނޑައެޅިފައި އޮންނަ ވަކި ތަރުތީބަކުން ކުރަންޖެހޭ ކަމެއްކަމުގައެވެ.
މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ޑައިލިސިސްގެ ޚިދުމަތަކީ ޚަރަދު ބޮޑު އަދި ދިގު މުއްދަތަކަށް ދެމިގެންދާ ފަރުވާއެކެވެ. އަދި މި ޚިދުމަތް ހޯދުމަށް މާލެ އަންނަން ޖެހުމަކީ ބަލިމީހާއަށް ނުއުފުލޭވަރުގެ ބުރައަކަށް ވާނެކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު މި ފަހިކޮށްދެއްވި ފުރުސަތުގެ ސަބަބުން އިރާދަކުރެއްވިއްޔާ މިފަދަ އެތައް އުދާސްތަކަކުން ބަލިމީހާ މިންޖުވާނެ. ޚިދުމަތުގެ މަގު ކުރުވާނެ. އަވަސްވާނެ" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ބައްލަވާލައްވައި، އެތަނުގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. މި ޚިދުމަތް ފެށުމާއެކު، މިއަދު އެއް ބޭފުޅަކު ވަނީ ޑައިލިސިސްގެ ޚިދުމަތް އެ މަރުކަޒުން ހޯއްދަވާފައެވެ.
އާމިނާދިޔޯގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ 6 މީހުން ދިރިއުޅޭއިރު، ޞިއްޙީ މަރުކަޒުގެ ނަރުހުންނާއެކު މި ޚިދުމަތް މިއަދު ފެށިގެންދިޔައެވެ. މީގެއިތުރުން، އެ މަރުކަޒުގައި މިއަދު ވަނީ ފިޒީޝަނެއްގެ ޚިދުމަތްވެސް ދޭން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ