ކޯސްޓްގާޑުގެ އުޅަނދެއްގައި މާރިޔާ ޓައިޓޭނިކް ކުޅުމުން އާންމުންގެ ފާޑުކިޔުން!

ކޯސްޓު ގާޑުގެ އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އޭނާގެ ފިރިކަލުން މުހައްމަދު އާމިރު ޓައިޓޭނިކްގެ މަންޒަރެއް ކުޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މާރިޔާ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި އެ ވީޑިއޯ އާންމު ކުރައްވާފައި ވާއިރު އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ދަނީ ދައުރު ވަމުންނެވެ. ޓުވިޓާގައި އެ ވީޑިއޯ ހިއްސާކޮށް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވީ ގައުމީ ސަލާމަތުގެ އެސެޓްތައް ބޭނުން ކުރަމުން ދަނީ އާއިލީ އުފަލުގައި ކަމަށާއި މިއީ ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. އަދި އޭސީސީން މިކަން ތަހުގީގު ކުރަން ޖެހޭ ކަމަށްވެސް ޕާޕާ ވަނީ ވިދާޅުވެފައެވެ.
އެކަމަށް ގިނަ ބައެއްގެ ފާޑު އަމާޒުވާ އިރު މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު އައިފާން ވަނީ ދައުލަތުގެ މުދާ ނާޗަރަންގީ ކުޅެން މާރިޔާ ބޭނުން ކުރެއްވުމަކީ ކޮން ކަހަލަ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ދައުލަތުގެ މުދަލުން ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުގައި ގިނަ ބަޔަކު އެކަން ސިފަކުރާއިރު އަނެއް ބަޔަކު ވަނީ ދައުލަތުގެ މުދާ ޕިކްނިކް ހަދަން ބޭނުން ކުރަނީ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން މާރިޔާގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް މާރިޔާ އެހެން ބައެއް މީޑީއާތަކަށް ވަނީ ކޯސްޓްގާޑު އުޅަނދުފަހަރު އޭނާގެ އަމިއްލަ ބޭނުމަށް ބޭނުން ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ