ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. މިއީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އާބާދީގައި 1،385 މީހުން ދިރިއުޅޭ ރަތަފަންދޫއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާ އެތައް އަހަރެއްވެފައިވާ އިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށް އުދައެރުމުގެ މައްސަލަ ކުރިމަތިވެ އެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ