ޒަޔާން މަރާލި މައްސަލައިގައި އިތުރު ބަޔަކަށް ދައުވާ ކޮށްފި

މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހިމެނޭ އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޒަޔާން މަރާލި މައްސަލައިގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ޔަޢީޝް އަންވަރު ސ.ހިތަދޫ / ކަދުރުމާގެ، އައިލިޝް ޢަލީ ސ.ފޭދޫ / ފުފޫމާގެ، އަޙްމަދު ޝުޢާޢު ސ.ފޭދޫ / ދިރިމާގެ، އަޙްމަދު ނަބީލް ސ.ފޭދޫ / ސަންޝައިން، ޢަބްދުﷲ ނިޒާރު ސ.ފޭދޫ / ކާމަރަގަގެ، އަޙްމަދު ޢަބްދުﷲ ސ.ފޭދޫ / ކަރަންފޫގެ އަދި ޢަބްދުﷲ ޝިޔާޢު ރަޝީދު ސ.ފޭދޫ / ދިރިމާގެ މައްޗަށެވެ.
މިމައްސަލައިގައި ޔަޢީޝް އަންވަރު އަދި އައިލިޝް ޢަލީގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދައުވާއާއި ބިރުދެއްކުމުގެ ދައުވާގެ އިތުރުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 8 ދައުވާއެވެ.
މިމައްސަލައިގައި ހިމެނޭ އަޙްމަދު ޝުޢާޢު، އަޙްމަދު ނަބީލް، ޢަބްދުﷲ ނިޒާރު އަދި އަޙްމަދު ޢަބްދުﷲ ގެ މައްޗަށް ވަނީ ތޫޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ، ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 8 ދައުވާއެވެ. މީގެއިތުރުން ޢަބްދުﷲ ޝިޔާޢު ރަޝީދުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 4 ދައުވާއެވެ.
ޕީޖީން ބުނެފައިވަނީ މިމައްސަލަތައް 27 ނޮވެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މިމައްސަލައިގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު 6 ވަނަ ދުވަހުއެވެ. އެގޮތުން އެއް ކުއްޖެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އިތުރު 3 ކުދިންގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ. ޕީޖީން ބުނެފައިވަނީ މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާލިބޭ 3 ކުދިންގެ ތެރެއިން 2 ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާރޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ