ޛުލްޙިއްޖާ މަހަކީ، މަސްތަކުގެ ތެރެއިން މާތްﷲގެ ޙަޟްރަތުގައި އެމަހެއްގައި އެންމެ މާތް ދުވަސްތައް ހިމެނޭ މަހެވެ. މުސްލިމުންގެ 5 ވަނަ ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މައްކާގެ މާތް ބިމަށް މުސްލިމުން ޖަމާވާ މައްސަރެވެ. އެހެންނަމަވެސް މިދުވަސްތަކުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ނުދެވޭ މުސްލިމުންނަށް މިމަހުގެ ބަރަކާތް ލިބިގަތުމަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަން ކުރުމަކީ، މިމާތް ދުވަސްތަކުގެ ދަރުމައާއި ޘަވާބު ހޯދުމަށް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެކެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘެއްގައި އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުން ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ ހެޔޮ ޢަމަލު ކުރުމަށް މާތްﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ. އެކަލޭގެފާނު މިހެން ޙަދީޘް ކުރެއްވުމުން ޞަޙާބީން ދެންނެވި ކަމުގައިވެއެވެ. މާތްﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސްތޯއެވެ. ޙަދީޘް ކުރެއްވީ، ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް މަތިވެރި ކަމަށެވެ. އެހެންނަމަވެސް އެމީހެއްގެ މުދަލާއި އަމިއްލަ ނަފުސާއިގެން ﷲގެ މަގުގައި ޖިހާދުކޮށް އެނބުރި ނާދެވުނު މީހާ މެނުވީ ކަމަށް ޙަދީޘް ކުރެއްވިއެވެ.
މިމާތް ދުވަސްތަކުގެ ބޭނުން ހިފުމުގެ ފުރުސަތު އޮތީ، ހަމައެކަނި ޙައްޖަށް ދާ މީހުންނަކަށް ނޫނެވެ. ޙައްޖަށް ދިޔުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް މިދުވަސްތަކުގެ ދަރުމައާއި، ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދައަށް ހުރުމަކީ، ކޮންމެ މުސްލިމަކަށްވެސް ކުރެވިދާނެ ކަމެކެވެ. އަންހެނުންގެ ތެރެއިން ޙައިޟު ނިފާސްކަމުގެ ސަބަބުން ދޫކޮށްލެވިފައިވާ ރޯދަ ހިފުމަށްވެސް މިއީ މާތް ދުވަސްތަކެކެވެ.
މިދުވަސްތަކުގެ ތެރެއިންވެސް ޢަރަފާތް ދުވަހު ނުވަތަ ޙައްޖު ދުވަހު ރޯދައަށް ހުރުމަކީ، ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތަށް ފުހެވޭނެ ކަމެއްކަން ރަސޫލުﷲގެފާނުގެ ޙަދީޘުން އެނގެން އެބައޮތެވެ. އަދި ޢަރަފާތް ދުވަހަކީ، އެދުވަހެއްގައި މާތްﷲ އެންމެ ގިނައިން ނަރަކައިން މީސްތަކުން މުއްތި ކުރައްވާ އެފަދަ އެހެން ދުވަހެއްނުވާ ދުވަހެއްކަންވެސް އެކަލޭގެފާނުގެ ސައްޙަ ޙަދީޘުން އެނގެން އެބައޮތެވެ.
މިދުވަސްތަކުގައި އެންމެ ގިނައިން ކުރަންޖެހޭ އަނެއް ކަމަކީ، މާތްﷲ މަތިން ގިނަގިނައިން ހަނދާން ކުރުމެވެ. ޒިކުރު ކުރުމެވެ. ތަހުލީކާއި، ތަހުމީދު އަދި ތަކުބީރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދަމުނަމާދުގައާއި، ސަޖިދައިގައި ދުޢާކުރުން ގިނަ ކުރާށެވެ. ވަކިން ޚާއްސަކޮށް ޢަރަފާތު ދުވަހު މާތްﷲގެ ޙަޟުރަތުން ފާފަ ފުއްސެވުން އެދި ދުޢާ ދެންނެވުމާއި، އެމީހެއްގެ ދެދުނިޔޭގެ ބާއްޖަވެރި ކަމަށް އެދި ދުޢާ ކުރުމަށް ސަމާލުވާން ޖެހެއެވެ. ޢަރަފާތު ދުވަހު ކުރެވޭ ދުޢާއަކީ، އެންމެ މާތް ދުޢާއެވެ. އެދުވަހު ކުރެވޭ ދުޢާއަކީ، އެންމެ ހެޔޮ ދުޢާއެވެ.
ކީރިތި ޤުރުއާން ކިޔެވުމަށާއި، ސުންނަތް ނަމާދުތައް ކުރުން އިތުރު ކުރެވިދާނެއެވެ. ހަމައެއާއެކު ޢާއިލާއާއި ތިމާގެ މީހުންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމާއި، ޞަދަޤާތް ދިނުމާއި، އުޟްޙިޔާ ކަތިލުން ފަދަ ކަންކަމަކީ ޙައްޖަށް ނުދާ މީހުންނަށްވެސް ކުރެވޭނެ މުހިއްމު ކަންކަމެވެ.
ޙައްޖަށް ނުދެވޭ މީހުންނަށް، މިމަހުގެ ޘަވާބާއި ދަރުމަ ހޯދަން މަސައްކަތްކުރެވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ