ހީމޯޑަޔަލިސިސްގައި ސިމިނޯއަށް ދިމާވާ މައްސަލަތައް ހައްލުކުރާނީ ކިހިނެއް؟
ގިނަ ދުވަސްތަކެއް ވަންދެން ކިޑްނީގެ ބަލި ތަހައްމަލު ކުރަމުންދާ އަދި ހީމޯޑަޔަލިސިސް ހަދަމުންދާ ބަލިމީހުންނަށް، ލޭ ސާފުކުރުމުގެ މަރުހަލާ އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ލޭހޮޅިތައް ނުބެދޭނެހެން ކަންކަން އިންތިޒާމު ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން މިކަމަށް އެންމެ އާންމުކޮށް ބޭނުންކުރެވެނީ "ސިމިނޯ" ނުވަތަ މެޑިކަލް ބަހުން ނަމަ "އާޓީރިއޯވެނަސް ފިސްޓުލާ"އެވެ. ސިމިނޯއަކީ ހީމޯޑަޔަލިސިސް ހަދާއިރު ލޭ ހަށިގަނޑުން ބޭރަށް ނެރުމަށާއި އަލުން ހަށިގަނޑަށް ފޮނުވުމަށް ބޭނުންކުރާ މަގެކެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި ސިމިނޯއަށް މައްސަލަތައް ދިމާވެ، ލޭ ދައުރުވުމަށް ހުރަސް އެޅޭ ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ތޮރެސިކް، ކާޑިއެކް އެންޑް ވެސިއުލަ ސާޖަރީ ސްޕެޝަލިސްޓް، ޑރ. މުހައްމަދު ސަތްޔަގްރަހާ ވަނީ ވިދާޅުވެފައެވެ. މިކަމަށް އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ، ބަލިމީހާގެ ޑަޔަލިސިސް ފަރުވާއަށް މީގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ވެސް ޑރ. މުހައްމަދު ސަތްޔަގްރަހާ ފާހަގަކުރައްވާފައިވެއެވެ. ހީމޯޑަޔަލިސިސް ހަދަމުންދާ ބަލިމީހަކު ޑޮކްޓަރަކާ އެކު މަޝްވަރާ ކުރަނީ--ފޮޓޯ/އީއެމްސީ ސިމިނޯއަކީ އަތުގެ ލޭހޮޅިއެއްގެ ތެރެއިން އާޓަރީއަކާއި ވެއިންއެއް ގުޅުވައިދިނުމަށް ހަދާ ކުޑަ އޮޕަރޭޝަނެކެވެ. މީގެ މައިގަނޑު މަގްސަދަކީ ވެއިންގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށް، ހީމޯޑަޔަލިސިސް ހެދުމަށް އެކަށީގެންވާ މަގެއް ތަނަވަސްކުރުމެވެ. ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ އެހެން ވަސީލަތްތަކާ އަޅާބަލާއިރު، ސިމިނޯގެ ގިނަ ފައިދާތަކެއްވެއެވެ. އޭގެ ތެރޭގައި، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެވުން، އިންފެކްޝަން ޖެހުމުގެ ފުރުސަތު ނިސްބަތުން ކުޑަވުން އަދި ޑަޔަލިސިސްގެ މަރުހަލާގައި ލޭ ދައުރުވާ މިންވަރު އެއްވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. ސިމިނޯއަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗަކަށް ވީނަމަވެސް، ބައެއް ފަހަރު މީގެ މަސައްކަތަށް ބުރޫއަރައެވެ. އެގޮތުން ލޭހޮޅި ހަނިވުމުގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅި، ޑަޔަލިސިސްގެ ފެންވަރު ދަށްވުމާއި، ލޭ ގަޑުވުމުގެ ސަބަބުން ފިސްޓުލާ ބެދި، ސިމިނޯ ބޭނުން ނުކުރެވޭ ހާލަތަށް ދިއުން އަދި ސިމިނޯ ހަދާފައިވާ ސަރަހައްދުގައި އިންފެކްޝަން އުފެދުމުގެ ސަބަބުން ދުޅަވުމާއި އަދި ތަދުވުމުގެ އިތުރުން ލޭ ދައުރުވުމަށް ބުރޫއެރުމަކީ މިކަންކަން ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ. ސިމިނޯއަށް މައްސަލައެއް ދިމާވެފައިވާކަމުގެ ނިޝާނެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން އަވަސްވެގަންނަންޖެހޭ--ފޮޓޯ/އީއެމްސީ މީގެިއތުރުން ގިނަ ދުވަސްތަކެއް ވަންދެން ސިމިނޯ ބޭނުންކުރުމުގެ ސަބަބުން ލޭހޮޅީގެ އޮނިގަނޑަށް ބަދަލު އައިސް، އޭގެ މަސައްކަތް ބަލިކަށިވުމަކީ ވެސް މީގެތެރޭ ހިމެނޭ ކަމެއް ކަމަށް ޑރ. މުހައްމަދު ސަތްޔަގްރަހާ ފާހަގަކުރައްވާފައިވެއެވެ. ޑރ. މުހައްމަދު ސަތްޔަގްރަހާ އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ހީމޯޑަޔަލިސިސް ހަދާ ބަލިމީހުން އަމިއްލައަށް ސިމިނޯގެ ހާލަތު ބެލުމަކީ މުހިންމު ކަމެކެވެ. ސިމިނޯއަށް މައްސަލައެއް ދިމާވެފައިވާކަމުގެ ނިޝާންތަކުގެތެރޭ، ސިމިނޯ ހުރި ދިމާލުން އިހުސާސްކުރެވޭ ތެޅުން ބަލިކަށިވުން ނުވަތަ މުޅިން ހުއްޓުން، އަތް ދުޅަވުން ނުވަތަ ތަދުވުން، ސިމިނޯ ހުރި ސަރަހައްދު ރަތްވުން ނުވަތަ ހޫނުވުން، ޑަޔަލިސިސް ހަދާއިރު ލޭ ދައުރުވާ މިންވަރު އެއްވަރެއްގައި ނުހިފެހެއްޓުން އަދި ޑަޔަލިސިސް ހަދަން އާންމުކޮށް ނަގާ ވަގުތަށްވުރެ ގިނަވަގުތު ހޭދަވުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެ ކަމަށް ޑރ. މުހައްމަދު ސަތްޔަގްރަހާ ވަނީ އިރުޝާދު ދެއްވާފައެވެ. ސިމިނޯގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރުން އާންމުކޮށް ކުރާ ބައެއް ކަންކަމުގެތެރޭ، ސިމިނޯ ހުރި ސަރަހައްދު ބޭރުފުށުން ބަލައި ފާސްކުރުން، ލޭހޮޅިތަކުގެ ޑޮޕްލާ އަލްޓްރާސައުންޑެއް ހެދުން އަދި ލޭ ދައުރުވާގޮތް ތަފްސީލީކޮށް ބެލުމަށް އެންޖިއޯގްރަފީއެއް ހެދުން ހިމެނެއެވެ. ސިމިނޯއަށް މައްސަލަ ދިމާވުމުން ދެވޭ ފަރުވާ ބިނާވެފައިވަނީ ދިމާވެފައިވާ މައްސަލައެއްގެ މައްޗަށެވެ. އެގޮތުން ދެވޭ ބައެއް ފަރުވާގެތެރޭ، އެންޖިއޯޕްލާސްޓީ، ތްރޮމްބެކްޓޮމީ ނުވަތަ ލޭ ގަޑުވެފައިވާނަމަ، އެ ގަޑުވެފައިވާ ބައި ނެގުން، ލޭހޮޅި ހުޅުވިފައި ބެހެއްޓުމަށްޓަކައި "ސްޓެންޓް" އެއް ލެއްވުން އަދި ލިބިފައިވާ ގެއްލުން ބޮޑުނަމަ، އާ އެކްސެސްއެއް ހެދުމަށް އޮޕަރޭޝަނެއް ކުރުން ހިމެނެއެވެ. ސިމިނޯ ގިނަ ދުވަހު ސަލާމަތުން ބެހެއްޓުމަށް ބަލިމީހާއަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެތެރޭ، ސިމިނޯ ހަދާފައިވާ އަތަށް ފިއްތުން ނުވަތަ އަނިޔާއެއް ވިޔަނުދިނުން، އެ އަތުން ލޭގެ ޕްރެޝަރު ނުބެލުން، ސިމިނޯ ހުރި ސަރަހައްދު އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން އަދި ކޮންމެ ދުވަހަކުވެސް ސިމިނޯގެ ތެޅުން ހުރިތޯ ބަލައި ޗެކްކުރުން ހިމެނެއެވެ. ސިމިނޯއަކީ ހީމޯޑަޔަލިސިސް ހަދާ ބަލިމީހުންގެ "ލައިފްލައިން"އެވެ. އެއަށް މައްސަލައެއް ދިމާވެއްޖެނަމަ ޑަޔަލިސިސް ފަރުވާ ފުރިހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން، އެއްވެސް ބަދަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަކީ ދިގު މުއްދަތަކަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ