ލީވާން އަދި ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓުން ބަލައިގެންފި އައްޑޫގެ ތަރައްގީއަށް ވަކާލާތު ކުރަނީ ޕީއެންސީން: އަޒާން އަޟްހާ އީދު ނަމާދު މާލޭގެ 4 މައިދާނެއްގައާއި 25 މިސްކިތެއްގައި ކުރަނީ އަހަރީ ދުވަހުގެ ހަދިޔާ: އައިކެއަރގެ ފްރޭމްތަކާއި އަވިއައިނުން ބޮޑ

އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު، އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން މުހިންމު ސިޓީއެކެވެ. ނަމަވެސް، މިއަދު އައްޑޫގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އެންމެ ބޮޑު އެއް ތަކުލީފަކީ ސިޓީގެ މަގުތައް ވީރާނާވެ، އަސާސީ މުނިސިޕަލް ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމުގެ ތުރާލާ ތަކުލީފެއެވެ. މި މައްސަލަތައް ހައްލުކުރުމުގައި އައްޑޫ ސިޓީ ކައުންސިލުން އެދެވޭ ދައުރެއް އަދާނުކުރެވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ.
އައްޑޫގެ ބޮޑެތި މަގުތަކާއި އަދި އަވަށްތަކުގެ އެތެރޭގެ މަގުތަކުގެ ހާލަތު މިއަދު އޮތީ ބަލައިގަނެވޭނެ ފަދަ މިންވަރެއްގައެއް ނޫނެވެ. ވާރޭވެހޭ ދުވަސްވަރު މަގުތަކުގައި ބޮޑެތި ފެންގަނޑުތައް ހެދި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެއްސަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މަގުމަތީގައި ހެދިފައިވާ ވިނަގަސްތައް ބޯވެފައިވާއިރު ހަނި މަގުތަކުގެ ހާލަތު ވަރަށް ދަށެވެ. މަގު ހެދުމުގެ އެކި މަޝްރޫއުތައް ފެށުނު ކަމުގައިވިޔަސް، އެދެވޭ ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން މަގުތައް އޮންނަނީ އަބަދުވެސް ކޮނެ، ހަލާކުކޮށްފައެވެ.
ސިޓީއެއްގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރެވެނީ އެ ސިޓީއަކުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތަކުގެ ފެންވަރުންނެވެ. އައްޑޫގައި މި ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އަވަށްތަކުގެ އާންމު ސަރަހައްދުތަކާއި މަގުމައްޗަށް ކުނި ޖަމާވުމާއި، ގަވާއިދުން ކުނި އުކާލުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން ސިޓީގެ ސާފުތާހިރުކަން ވަނީ ގެއްލިފައެވެ. ގިނަ މަގުތަކެއްގެ ބައްތިތައް ހަލާކުވެ، ރޭގަނޑު ވަގުތުތަކުގައި މަގުތައް އޮންނަނީ އަނދިރީގައެވެ. މިއީ ކުށްތަކަށް މަގުފަހިވާ އަދި އާންމުންގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާ އެންމެ ގާތުން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ ފަރާތަކީ ސިޓީ ކައުންސިލެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން ފެންނަ މަންޒަރު ތަފާތެވެ. ރައްޔިތުންގެ ޝަކުވާތަކަށް އެދެވޭ އިޖާބައެއް ނުދިނުމާއި، މައްސަލަތައް ހައްލުކުރުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި ވަގުތީ ހައްލުން ފުއްދާލުމެވެ. ބަޖެޓުގެ ދަތިކަމާއި ވަސީލަތްތައް ނެތްކަމުގެ ބަހަނާ ދައްކައި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އިސްކަން ދޭ މަންޒަރެއް ނުފެނެއެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަޝްރޫއުތައް އަވަސްކުރުމަށް ކައުންސިލުން ކުރަންޖެހޭ ވަކާލާތު ކުރުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ރޫހު ކައުންސިލުން ފެންނަމުން ނުދާކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.
އައްޑޫ ސިޓީގެ ވީރާނާ މަގުތަކާއި ބޮއްސުންލާފައިވާ މުނިސިޕަލް ހިދުމަތްތަކަކީ ހަމައެކަނި ސަރުކާރުގެ މަޝްރޫއުތަކަށް ދޫކޮށްލައިގެން ތިބެވޭނެ ކަންކަމެއް ނޫނެވެ. މިއީ ސިޓީ ކައުންސިލްގެ ގާނޫނީ އަދި އަހުލާގީ ޒިންމާއެކެވެ. އައްޑޫގެ ރައްޔިތުންނަށް އަމާން އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ބަހަނާތައް ދެއްކުން ހުއްޓާލައި، އިހްލާސްތެރިކަމާއެކު ޒިންމާދާރުވެ، މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެއެވެ. އަދި މިކަމުގައި ރައްޔިތުންގެ ބައިވެރިވުމާ އެއްބާރުލުންވެސް ލިބެންޖެހެއެވެ. ފަރުދީ ޒިންމާ އަދާކުރެވެން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ