މަގުމަތިން ސަރުކާރު ވައްޓާލަކަށް ބޭނުމެއް ނޫން، ރައީސް އަމިއްލައަށް ވެއްޓޭނެ: ނަޝީދު

މަގުމަތިން ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަފުޅަށް ވެއްޓެން ތައްޔާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި ނ. މާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު މިހެން ވިދާޅުވިއިރު، މި ކެމްޕެއިނުގައި ނަޝީދު އެންމެ ބޮޑަށް ދައްކަވާ ވާހަކައަކީ ވެސް ސަރުކާރު ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތުގެ ވާހަކަ އެވެ.
ބުނީ ކީކޭ؟ - މިއަދު ވެސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެ މަނިކުފާނު ކުރިމަތިލެއްވީ ހަމައެކަނި އެ ޕާޓީގެ އިދާރީ ހިންގުންތައް ބަލަހައްޓަވަން ވެގެން ނޫން ކަމަށެވެ. ޗެއާޕާސަންކަމަކީ ސަރުކާރު ބަދަލުކުރުމަށް ބޭނުންވާ ވަސީލަތެއް ކަމަށެވެ.
"ޗެއާޕާސަންކަން ކުރުމަށްވުރެ ބޮޑަށް އަޅުގަނޑު މި އުޅެނީ ވެރިކަން ބަދަލުކުރަން ވެގެން. ވެރިކަން ބަދަލުކުރަން އޮތް ވަސީލަތެއް ޗެއާޕާސަން ކަމަކީ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ދެން ވިދާޅުވީ އެ މަސައްކަތުގައި އުފެދޭނެ ސުވާލަކީ ސަރުކާރު ބަދަލުކުރެވޭނީ 2028ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުންތޯ ނުވަތަ އޭގެ ވެސް ކުރިންތޯ ކަމަށެވެ. މަގުމަތިން ސަރުކާރު ވައްޓާލަން ބޭނުންފުޅުުނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެހާ ބޮޑަށް މަގުމަތިން ސަރުކާރު ވައްޓާލަން ބޭނުންވާ މީހެއް ނޫން. އެހެން ނަމަވެސް މި ބޭފުޅާ [ރައީސް މުއިއްޒު] ހުންނެވީ އަމިއްލައަށް ވެއްޓެން ވެގެން ތައްޔާރަށް،" އިދިކޮޅު ހަރަކާތުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވެ ހިނގި ހަމަނުޖެހުންތަކަކަށްފަހު، ވެރިކަމުގެ ދައުރު ފުރިހަމަނުކުރައްވައި ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވި އެވެ.
ތަފްސީލް - ރައީސް މުއިއްޒުގެ މަގުބޫލުކަން ދަށްވަމުންދާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެ މަގުބޫލުކަން ގެއްލެމުންދާ ސަބަބަކީ ރައީސްގެ ފަރާތްޕުޅުން ބޭވަފާތެރިކަމުގެ ސިފަތައް ފެންނަމުންދާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން ފާހަގަކުރެއްވީ:
ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި ދައްކައިގެން؛ ވެރިކަމަށް ވަޑައިގަތުމަށްފަހު ޔާމީނަށް ބޭވަފާތެރިވި
ގައްސާން މައުމޫނާ އެއްބަސްވުންތަކެއް ވެގެން ރިޔާސީ ޓިކެޓަށް ގައްސާން ކުރިމަތިނުލައްވަން ނިންމެވީ؛ ނަމަވެސް ރައީސް އަންގަވައިގެން ޕީޕީއެމް ވެސް އުވާލެއްވުމަށްފަހު ގައްސާން މިނިސްޓަރުކަން ވަކިކުރެއްވި
ރައީސް މުއިއްޒުގެ ބޭވަފާތެރިކަމުގެ ސަބަބުން، ޕީއެންސީގެ އެތެރޭގައި ވެސް އެ މަނިކުފާނުގެ މަގުބޫލުކަން ދަނީ ދަށްވަމުން ކަމަށް ވިދާޅުވި
ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރާއި ދައުލަތުގެ ކަންކަމުގައި އުޅުއްވުމުގެ ބަދަލުގައި، ރައީސް މުއިއްޒު އުޅުއްވަނީ 'އިޝްގުގައި ބޭގަރާރުވެގެން' ކަމެވެ. ކަންބޮޑުވަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ރައީސް މުއިއްޒު ވިސްނުން ނުބަހައްޓަވާތީ، ހިތްހަމަޖެހިވަޑައިނުގެން ރައްޔިތުންގެ މިިނިވަންކަމަށް ހުރަސްއަޅުއްވަމުން ގެންދަވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިނގަމުންދާ ގޮތުން އެމްޑީޕީ ނިންދަވާފައި ބޭއްވޭކަށް ނެތް. ރައީސް މުއިއްޒު ބޭނުންފުޅުވަނީ އަޅުގަނޑުމެންނަށް ނިދާ ބޭސް ދީފައި ބައިތިއްބަން. ލައްކަ ދުވަސް ވެއްޖެ އަޅުގަނޑުމެން މި ނިދާ ބޭހެއް ކައިގެން ނިދާތާ ވެސް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2028ވަނަ އަހަރު ރިޔާސީ އިންތިހާބު އަންނަންދެން މަޑުނުކޮށް، އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށްގެން ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގައި ޕްރޮޖެކްޓް ޑިޕާޓްމެންޓެއް ޕާޓީގައި އުފައްދައިގެން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ