މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އާއި އެކްޓަރު އީތަން ސްލޭޓާ ތިން އަހަރު ދުވަހު އެކުގައި އުޅުމަށް ފަހު ވަކިވެއްޖެ އެވެ.
އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ޕީޕަލް" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، މި ދެމީހުން ވަކިވީ މީގެ މަސްތަކެއް ކުރިން "ސިއްރިއްޔާތުގައި" އަދި "ސުލްހަވެރިކަމާއެކު" އެވެ.
"އެ ދެމީހުން ވަރަށް ގިނަ ވަގުތު ނަގައި، ފުންކޮށް ވިސްނުމަށްފަހު ވަކިވާން ނިންމީ،" އެ މަޖައްލާއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. "އެމީހުން އަދިވެސް ތިބީ އެކުވެރިންގެ ގޮތުގައި. އަދި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ."
މި ދެ ތަރިން ބައްދަލުވީ "ވިކެޑް" ފިލްމުގެ މަސައްކަތުގެ ތެރެއިންނެވެ.
އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަރިއާނާ އާއި އުމުރުން 34 އަހަރުގެ ސްލޭޓާ ފުރަތަމަ ބައްދަލުވީ 2023 ވަނަ އަހަރު އިނގިރޭސިވިލާތުގައި އެ ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ ދުވަސްވަރު އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް 2024 ވަނަ އަހަރު އެމީހުންގެ ގުޅުން ރަސްމީކޮށް ހާމަކުރުމަށް ފަހު، "ވިކެޑް" އާއި އޭގެ ސީކުއަލް "ވިކެޑް: ފޯ ގުޑް" ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުން މި ދެމީހުން އެކުގައި ފެނިފައިވެ އެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުމަށް ފަހު، ދެ މީހުން ވެސް ވަނީ ކުރީގެ ކައިވެނި ރޫޅާލައިފަ އެވެ.
ނިމިދިޔަ ހަފުތާ ބަންދުގައި އަރިއާނާ ވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އޭނާގެ "އިޓާނަލް ސަންޝައިން" ޓުއާ ފަށާފަ އެވެ. މިއީ 2019 ވަނަ އަހަރަށް ފަހު އޭނާގެ ފުރަތަމަ ޓުއާ އެވެ.
މި ޝޯތައް މި ބާއްވަނީ "އިޓާނަލް ސަންޝައިން" އަލްބަމް ނެރުނުތާ ތިން އަހަރު ފަހުންނެވެ. އަދި އަންނަ މަހު އާ އަލްބަމް "ޕެޓަލް" ނެރުމުގެ ކުރިންނެވެ. މި އަލްބަމްގެ ޕްރޮމޯޝަނަށް "ހޭޓް ދެޓް އައި މޭޑް ޔޫ ލަވް މީ" ގެ ނަމުގައި އާ ސިންގަލްއެއް މިހާރު ވަނީ ނެރެފަ އެވެ.
"ޓްވައިލައިޓް ޒޯން" އާއި "ސައިޑް ޓު ސައިޑް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ މި ޕޮޕް ތަރި ފަހަކަށް އައިސް ބޮޑަށް ސަމާލުކަން ދީފައިވަނީ އެކްޓް ކުރުމަށެވެ. އަދި މިހާރު ކުރިއަށްދާ ޓުއާ އަކީ "ދިގު މުއްދަތަކަށް" އޭނާ ބާއްވާނެ އެންމެ ފަހު ޓުއާ ކަމަށް ނޮވެމްބަރު މަހު އޭނާ ވަނީ ބުނެފަ އެވެ.
"ވިކެޑް" ފުރަތަމަ ފިލްމުގައި އޭނާ ކުޅުނު ރޯލަށް، އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އޮސްކާ އެވޯޑަށް އަރިއާނާ ނޮމިނޭޓްވި އެވެ.
އަރިއާނާ އާއި ސްލޭޓާގެ ތިން އަހަރުގެ ގުޅުން ނިމުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ