އީރާނުގެ މައްޗަށް ކާމިޔާބު ހޯދިކަން ޓްރަމްޕް ރަސްމީ ސިފައެއްގައި އިއުލާން ކުރަނީ
ވޮޝިންޓަން (9 ޖޫން 2026) : ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށާއި އެ ހިސާބުން އީރާނުގެ މައްޗަށް ކާމިޔާބު ހޯދިކަން ރަސްމީކޮށް އިއުލާން ކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް ހަނގުރާމައިގެ އިތުރުބުރެއް ކުރިޔަށް ގެންދިޔުމުގެ ބޭނުން ނެތްކަމުގައެވެ. އީރާން ވެސް ބޭނުންވަނީ އެމެރިކާއާއެކު ރަނގަޅު ޑީލްއަކަށް ދާންކަމަށާއި ދެ ގައުމުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތައް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ ބޭނުންވާ ހުރިހާ ކަމެއް އެއްބަސްވުމުގައި ހިމަނަން އީރާން އޮތީ ތައްޔާރަށް ކަމަށެވެ. ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީވެސް އީރާން ދޭނެއެވެ. އެ ހިސާބުން އެމެރިކާއާއި އީރާން އާދެމެދުގައިވާ މައްސަލަތައް ކޮޅެއްގައި ޖެހޭނެއެވެ. މިއާއެކު އީރާންގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން އިއުލާންކުރުމާއެކު ތެލުގެ އަގުވެސް ވަގުތުން ދަށަށްދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ފާއިތުވި ދެމަސްތެރޭގައި ޓްރަމްޕް ވަނީ މިގޮތަށް އެތައް ފަހަރަކު ވާހަކަ ދައްކަވާފައެވެ. މިގޮތަށް ވާހަކަ ދެއްކެވުމަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފަށާނެކަމުގެ އިންޒާރުވެސް އާންމުގޮތެއްގައި ޓްރަމްޕް ދެއްވައެވެ. ނަމަވެސް ހަނގުރާމަ އަލުން ފަށަން ޓްރަމްޕަށް ކެރިވަޑައިގެންފައެއް ނުވެއެވެ. އީރާނުން އާންމުގޮތެއްގައި ޓްރަމްޕްގެ މިފަދަ ވާހަކަތައް ދޮގުކުރެއެވެ. މިފަހަރުވެސް ޓްރަމްޕް މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ އީރާނުގެ ނިއުކްލިޔާ ހައްގުތަކާއި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އަދި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ލިބޭނެ އަދި އީރާން އާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފަދަ އެއްބަސްވުމަކަށް ނޫނީ ނުދާނެކަމަށް އީރާނުން ބުނެފައިވަނިކޮށެވެ. އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް އިއްޔެ ވިދާޅުވިގޮތުގައި އެމެރިކާއާއެކު ދާއިމީ އެއްބަސްވުމަކަށް ދެވޭނީ މިދެންނެވި ހުރިހާ ކަމެއް ފުރިހަމަވާގޮތަށެވެ. އެހެން ނޫނީ ދެވޭނީ ވަގުތީ އެއްބަސްވުމަކަށެވެ. ވަގުތީ އެއްބަސްވުމަކަށް ވެސް ދެވޭނީ އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ބޮޑުބައެއް ލިބޭގޮތަށާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ލިބޭގޮތަށެވެ. އެމެރިކާއާއި އީރާން އާ ދެމެދު މިހާރު މަޝްވަރާ ކުރެވެނީ ވަގުތީ އެއްބަސްވުމަކަށް ދިޔުމާބެހޭގޮތުން ކަމަށާއި އޭގައި ނިއުކްލިޔާ މައްސަލަ ނުހިމެނޭކަމަށްވެސް ގަލީބާވް ވިދާޅުވިއެވެ. އީރާން މިހާރު ވަނީ އެ ގައުމުން ކުރިން ގެންގުޅުނު ސްޓްރެޓީޖިކް ކެތްތެރި އަދި މަޑުމައިތިރި ކަމުގެ ސިޔާސަތުގެ ބަދަލުގައި އީރާނުގެ މަސްލަހަތުތައް ދިފާއުކުރުމަށްޓަކައި އިސްވެ ހަމަލާދިނުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ދާދިފަހުން އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަކީ އިސްރާއީލުން އީރާނަށް ހަމަލާ ނުދެނީސް އީރާނުން އިސްރާއީލަށް އިސްވެ ދިން ހަމަލާތަކެކެވެ. މިއީ އީރާނުގެ ދިފާއީ ޑިޓަރެންސް ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ