ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީ އާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފުލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ހަމަ އެހެންމެ ފުލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ ވެސް އެފްޑީސީއިން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވެސް އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އަންގާނެ ކަން ފާހަގަކޮށް މިނިސްޓްރީން ވަނީ، އެގޮތަށް ޕޯޓަލްއިން ނާންގާ މީހުންނަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީއިން ނުގުޅާނެކަމާއި، އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4000 ފްލެޓްގެ ތެރެއިން 1000 ފްލެޓްގެ މަސައްކަތް މި ހިނގާ ޖުލައި މަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެއާއެކު އެގްރިމަންޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މީގެ ކުރިން ވެސް މުއްތަލިބް ވިދާޅުވެފައި ވެއެވެ.
ފްލެޓް ދޭނީ ކުރީ ސަރުކާރުން އާންމު ކުރި ފްލެޓް ލިސްޓާ އެއްގޮތަށް ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޭން ނިންމި ކަމުގައި ވީ ނަމަވެސް ޝަރުތު ހަމަވޭތޯ ބަލައި ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވެފައި ވެއެވެ.
4،000 ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާ، ސޮއިކުރުމުގެ ހުރިހާ މުއާމަލާތެއް އެފްޑީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ