އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތީ ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގަ އާއި، ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދަށް ފުދުންތެރިކަން އިތުރުކުރަން ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން އުފައްދަވާފައިވާ އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފަ އެވެ. އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމުން، އެ ބޭންކުގެ މާލީ ގާބިލުކަމުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްއިން ބުނީ އެސްޑީއެފްސީ ގަތުމާ އެކު ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތް ކަމަށެވެ. އެގޮތުން އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ބުންޏެވެ.
"ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގަ އާއި ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރުކުރުމެވެ،" ބީއެމްއެލް އިން ބުންޏެވެ.
އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން ބޮޑުކުރުމުގެ އިތުރުން އެސްޑީއެފްސީއިން ހިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާ އެކުގަ އެވެ."
ބީއެމްއެލްއިން ބުނީ އެސްޑީއެފްސީއިން ފައިނޭންސް ދޫކުރަމުން އައި ޖުމްލަ ނިސްބަތަށް ވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށެވެ. ފައިނޭންސް ދޫކުރާނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާ އެކު ކަމަށް ވެސް ބުންޏެވެ.
އެގޮތުން ބުނީ:
ބީއެމްއެލްގެ އަމާޒަކީ ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ފައިނޭންސިން ދޫކުރުން
މުޖުތަމައުގެ ތަރައްގީ އާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރުން
އެސްޑީއެފްސީގެ ހިންގުމާއި ގަވާނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތާނގައި ބޭންކުން ހާމަކުރާނެ
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައި ވެސް މުހިންމު ދާއިރާއެއް ކަމަށެވެ.
"ބޭންކުގެ މި ނިންމުމާ އެކު، އިސްލާމިކް ބޭންކިންގެ ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިންގެ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވި އެވެ.
އެސްޑީއެފްސީ ގަތީ ރާއްޖޭގެ އިގްތިސާދުގެ ފުދުންތެރިކަން އިތުރުކުރުން: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ