އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކުރަން ފަހި ޔޫނިއަނުން ގޮވައިލައިފި

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރަން ނިންމި 4،000 ފްލެޓުގެ ކުލި ކުޑަކުރަން ފަހި ޔޫނިއަން ޖަމިއްޔާއިން މިއަދު ގޮވައިލައިފިއެވެ. 'ފަހި ޔޫނިއަން'އަކީ ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެކެވެ. ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޔޫނިއަނާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު ކުރެވުނުު މުއާމަލާތްތަކުގައި، މިއީ އެހެން ސޯޝަލް ސްކީމްތަކާ ތަފާތު ސްކީމެއްކަމަށް އެ ކޯޕަރޭޝަނުން ބުނާކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޔުނީިއަނުން ބުނީ، އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި 4،000 ފްލެޓަކީ "ކުއްޔަށް ދޭ އުސޫލުން" ދޫކުރާ ފްލެޓްތަކެއް ކަމަށެވެ. އެއީ އެހެން "ހިޔާ ފްލެޓް" ފަދަ އެހެން ސޯޝަލް ސްކީމްތަކާ ޚިލާފު ސްކީމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ކަމަށް ޔޫނިއަނުން ބުންޏެވެ. އަދި މިއީ އެހެން ރިއަލްއެސްޓޭޓް ކުންފުނިތަކަށް ވެސް ދިގުމުއްދަތަށް ކުލި ދައްކައި އަގު ޚަލާސްކުރުމުން މިލްކުކުރެވޭ އުސޫލުން، އެފްޑީސީއަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކައި ޚަލާސްކުރުމުން ދޫކުރެވޭ އެޕާޓްމަންޓުތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ކަމަށް ޔޫނިއަނުން ބުންޏެވެ. އެ ޔޫނިއަނުން ބުނީ، ކުރީގެ އެހެން ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބުމުން އެއްބަސްވުމުގައި ސޮއިކުރި ހިސާބުން އެ ތަނަކީ އަމިއްލަ މިލްކަކަށްވެ، ޑައުންޕޭމަންޓް ދައްކަން ނުޖެހި، ސޮއިކުރާ ހިސާބުން ތަޅުދަނޑި ލިބޭ ކަމަށެވެ. ނަމަވެސް އެފްޑީސީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހި، ޑައުޕޭމަންޓު ދެއްކުމުން ނޫނީ، ތަޅުދަނޑި ހަވާލު ނުކުރެވޭނެކަމަށް އަންގައިފައިވާ ކަމަށް ޔޫނިއަނުން ބުންޏެވެ. މީގެ އިތުރުން ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީީގެ އެޕާޓްމަންޓަކަށް 100 ޕަސެންޓަށްވުރެ ބޮޑު ޖޫރިމަނާއަކާއެކު 15،000 ރުފިޔާ އަދި، 9،000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާޓްމަންތަކަށް 170 ޕަސެންޓު ޖޫރިމަނާއާއެކު 25،000 ރުފިޔާ ދައްކަން ޖެހޭކަމަށް އެފްޑީސީ އެގްރީމަންޓުގައި ހިމަނާފައިވާކަމަށް، މައުލޫމާތު ދިން ކަމަށް ވެސް ޔޫނިއަނުން ބުންޏެވެ. އެ ޔޫނިއަނުން ވަނީ މި ސަރުކާރުން ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ސަރުކާރުގައި އެދޭކަމަށް ބުނެފައެވެ. އަދި އެ ޔޫނިއަނުން ދެކޭ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި، ވަނީ ފްލެޓް ލިބޭ މީހުންނާއި، އެފްޑީސީއާއެކު ސޮއިކޮށްފައި ކަމަށާއި، އޭގައިވާ ގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކު 5،000 ރުފިޔާ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމަށް ބުންޏެވެ. ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. މުއްތަލިބު ވަނީ، މި މަހުން ފެށިގެން ފްލެޓުތައް ހަވާލުކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެފްޑީސީން ބުނީ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ