ލައިޓިން ސިސްޓަމް ގާއިމްކުރަން ލަންކާގެ އެހީތެރިކަން ހޯދަނީ

ރާއްޖޭގައި މޭ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އަވައްޓެރި ސްރީލަންކާގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ލައިޓިން ސިސްޓަމްގެ މަސައްކަތުގައި ލަންކާ އިން އެހީތެރިކަން ފޯރުކޮށްދީ، މިހާރު މި އޮތް މުއްދަތުގައި ލައިޓިންގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިތުރު މަޝްވަރާތައް ކުރުމަށް، މިރޭ ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލުންގެ ވަފުދެއް ލަންކާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެން ލަންކާގެ އެހީތެރިކަން ހޯދަން މަޝްވަރާތައް ކޮށްފިން. އަދި މި ކަމުގައި އިތުރު މަޝްވަރާތައް ކުރުމަށް މިނިސްޓްރީގެ ޓީމެއް މާދަމާ (އާދިއްތަ ދުވަހުގެ) ރޭ ލަންކާ އަށް ދާނެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ލަންކާގެ އެހީތެރިކަމާ އެކު މިހާރު އޮތް މުއްދަތުގައި މިކަންތައް ހައްލުވެ، އައްޑޫ ސްޓޭޑިއަމް މުބާރާތަށް ތައްޔާރުކުރެވޭނެކަމުގެ،" މަލީހު ވިދާޅުވި އެވެ. ހިތަދޫ ސްޓޭޑިއަމްގެ ލައިޓިން ސިސްޓަމް ގާއިމްކުރުމަށް ދެ ފަހަރަށް ބިޑަށް ހުޅުވާލި ނަމަވެސް، އެއްވެސް ފަރާތަކުން އެ މަސައްކަތަކަށް ކުރިމަތިލައިފައެއް ނުވެ އެވެ. ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އޮތް ވަގުތު ކުޑަތަންވެ، އޭގެ ސަބަބުން މުބާރާތް ބޭއްވުމަށް ހުރަހެއް ކުރިމަތިވެދާނެތޯ ދެންނެވުމުން މަލީހު ވިދާޅުވީ މުބާރާތަށް އެއްވެސް ހުރަހެއް ނޭޅި، އެ މަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޗެލެންޖް ކަޕަށް ގަލޮޅު ރަސްމީ ދަނޑާއި ހިތަދޫ ޒޯން ސްޓޭޑިއަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް އެބަދެ އެވެ. ޗެލެންޖް ކަޕަށް ގަލޮޅު ދަނޑާއި ސ. ހިތަދޫ ޒޯން ސްޓޭޑިއަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށީ މަސައްކަތް ނުފަށައިފި ނަމަ ރާއްޖެ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ގެއްލޭނެ ކަމުގެ ފަހު އިންޒާރު އޭއެފްސީން ދިނުމުންނެވެ. މިއީ ޗެމްޕިއަން ޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭ ޗެލެންޖް ކަޕް ބާއްވާ ފަހު އަހަރެވެ. މި އަހަރުގެ މުބާރާތަށް ފަހު ޗެލެންޖް ކަޕް އުވާލައި، އޭޝިއަން ކަޕް ކޮލިފައިންނަށް ބަދަލުތަކެއް ގެންނަން އޭއެފްސީން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ