90،000 ވަޒީފާ އުފައްދައި، ޒުވާން ދިވެހި ވިޔަފާވެރިޔާގެ ނަމުގައި މަޝްރޫއެއް ހިންގާނަން: ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުންނަށް އަމާޒުކޮށްގެން 90،000 ވަޒީފާ އުފައްދައި "ޒުވާން ދިވެހި ވިޔަފާރިވެރިޔާ" ގެ ނަމުގައި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. ފޭދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށް އުފައްދަން ބޭނުން ވަނީ 26،000 ވަޒީފާ ނޫން ކަމަށެވެ. "އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް ވަޒީފާ އުފައްދައިދޭ ނަމޭ ބުނެފަ އަދި ޓޫރިޒަމަށް އަލަށް ތައާރަފްކުރާ ރިސޯޓްތަކުން ފަސް އަހަރު ތެރޭ އެކަނި 26،000 ވަޒީފާ އުފައްދާނަމޭ ބުނެފައި ހުއްޓާލީކީ ނޫން. އަޅުގަނޑުމެން މިހާރު މިދަނީ ޒުވާނުންނަށް އަމާޒުކޮށްގެން މެނިފެސްޓޯގައި އެ ޗެޕްޓަރު ނިންމަމުން،" ފޭދޫ ޕީޕީއެމް ޖަގަހަ ކުރިމަތީގައި އޮންނަ ހުސް ބިމުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ. "މިހާރު ނިމިފަ ހުރި މަސައްކަތަށް ބަލާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭ ބޭނުން ވަނީ 26،000 ވަޒީފާ އެކަންޏެއް ނޫން. އިގުތިސާދީ ތަފާތު މަސައްކަތްތައް ގެނެސްގެން އަޅުގަނޑުމެން މިހާރު އަންދާޒާ ކުރާ ގޮތުން ވެއްޖިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި އެބަ އުފައްދަން 90،000 ވަޒީފާ. މި ބޮޑު އަދަދު ހަގީގަތުގައި ނަގާނެ ބަޔަކީ ޒުވާނުން." ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުން ބާރުވެރި ކުރުވަން ކުރާނެ ހަމައެކަނި ކަމަކީ ވަޒީފާގެ ފުރުސަތުތައް އުފެއްދުން ވެސް ނޫން ކަމަށެވެ. ހަމަ އެއާ އެކު ޒުވާނުންގެ ހުނަރުވެރިކަން އެ މީހުންނަށް ދެއްކޭނެ ފުރުސަތުތައް ތަނަވަސްކޮށް، ކުރިއަށް ދެވޭނެ ދޮރުތައް ހުޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ. "ޒުވާނުންގެ ތެރޭގައި އެމީހުންގެ ހުނަރުވެރިކަން ދައްކުވައިދޭ އެކި ކަންތައްތައް އެބަ ފެނޭ. އެކަން އެ މީހުން ފާޅުކުރަނީ އެކިއެކި ސިފައިގައި. އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ ދިވެހި ރާއްޖޭގައި އާޓިސްޓުން، ފަންނާނުން އެބަ ތިބިކަން. އެމީހުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެމީހުންގެ ހުނަރު ދައްކާލުމުގެ ތަނަވަސްކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި އެބަ ހޯދައި ދޭން ޖެހޭ،" ޔާމީން ވިދާޅުވި އެވެ. "ހަމަ އެއާ އެކީގައި ޕާފޯމިން އާޓިސްޓުންނަށް އެމީހުންގެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ނެރެދޭން ޖެހޭ." ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި "ޒުވާން ދިވެހި ވިޔަފާވެރިޔާ" ވެސް އުފައްދަން ބޭނުންވާ ކަމަށެވެ. "މިއީ އަޅުގަނޑުމެން 94،000 ވަޒީފާ އުފެއްދުމުގެ ތެރޭގައި އަޅުގަނޑުމެން އަމާޒު ކުރާ އެއް ކަންތައް. ޒުވާން ވިޔަފާވެރިޔާ އުފެއްދުމުގެ މާނައަކީ ޔަންގް އެންޓަޕްރެނާ ޑިވެލޮޕް ކުރުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަހަރުތައް ބެހިގެން ދާނީ ޒުވާނުންނަށް ވިޔަފާރީގެ ހުނަރުތައް ދަސްކޮށް ދިނުމުގައި،" ޔާމީން ވިދާޅުވި އެވެ. "ހަމަ އެއާއެކު ދިވެހި ދައުލަތުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ އިން ހަމަ ޒުވާނުން އިސް ނަގައިގެން ކުރާ މެދު ފަންތީގެ މަސައްކަތްތަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަނޑައަޅާ އަދަދެއްގެ ލޯންތައް ދޫކުރާނަން،" ޔާމީން ވިދާޅުވީ ކުދިކުދި ކުށްތައް ކޮށްގެން ވަޒީފާތަކަށް ނުނިކުމެވި ތިބި ފަސް އަހަރުގެ ކުށުގެ ރެކޯޑްތަކެއް އޮންނަ ޒުވާނުންނަކީ ވެސް ބޭނުންތެރި ބަޔަކަށް ހެދުމަށް ގާނޫންތައް އިސްލާހުކޮށްގެން އެފަދަ ޒުވާނުންނަށް ޕްރޮގްރާމްތައް ހިންގައި މުޖުތަމައު އަށް ނެރެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "ފަސް އަހަރު ވަންދެން ކުށުގެ ރެކޯޑް ނުފިލައިގެން އެ ކުދިންނަށް ވަޒީފާއެއް ނުލިބި ތިބެން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. އަދި ހަމަ އެއާ އެކު ޒުވާނުން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ އިން ކުދިން ސަލާމަތް ކުރަން ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަމާޒު މި ކުރަނީ ފަރުވާ ދިނުމުގެ ތެރެއިން ކޮންމެ އަހަރަކު 500 ކުދިންނަކީ ރިހިބިލިޓޭޓް ކުރާނެ ކުދިން ކަމުގައި،" ޔާމީން ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑުމެންގެ އިޖުތިމާއީ މަޝްރޫއުތައް ބައްޓަންވެގެން ދާނީ އެންމެ މަދުވެގެން 500 ކުދިންނަކީ ރިހެބިލިޓޭޓްކޮށް ވަޒީފާ ދޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ކުދިންނަށް ވަޒީފާ ފުރުސަތު ތަނަވަސްވެގެންދާ އަދި އެ ކުދިންނަކީ އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު އޮންނަ ބަޔަކަށް ވުމަށްޓަކައި މަސައްކަތް ކުރުން." ޔާމީން ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވުމުގެ ނަތީޖާއަކަށް ވާނީ އިގުތިސާދު ވެސް ހަރަދުނާވުން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގެ އިގުތިސާދު ތިން ގުނަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ހިންގަން އުޅޭ މަޝްރޫއުތައް ކާމިޔާބުވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ފަސް އަހަރެއް ނިމިގެން ދާ އިރު ގަބޫލްކުރަނީ އިގުތިސާދު އުފުލިގެން ދާނީ ތިން ގުނައަށޭ. ދެ ގުނައެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރެއްގައި ޓޫރިޒަމް އިންޑަސްޓްރީ ބިނާވެގެން ދާނީ މުއްސަނދިން އެ ސިނާއަތުގައި ހިއްސާ ކުރާ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާވެރިންނަށް ވެސް ހިއްސާވެވޭނެ ގޮތަކަށެވެ. އަދި ގިނަ ބަޔަކަށް އެ ސިނާތުގެ ފައިދާ އާންމު ކުރުމަށްޓަކައި ރަށްތަކެއް ޕީޕީއެމްގެ ސަރުކާރުގައި ކަނޑައަޅާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޒުވާނުންނަކީ އިގުތިސާދުގެ މުހިއްމު ބާރަކަށްވާ އިރު، ޒުވާނުންގެ ހަކަތަ ބޭނުންވާ ކަމަށެވެ. އެގޮތުން ޒުވާނުންގެ ކުޅިވަރަށް ޕީޕީއެމްގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޒުވާނުންގެ ކުޅިވަރަށް ފަސް ގުނަ ޕީޕީއެމްގެ ސަރުކާރެއްގައި ހޭދަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކޮންމެ އަތޮޅަކުން އެންމެ އާބާދީ ބޮޑު ރަށް އަދި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށްރަށުގައި ކުޅިވަރުތައް ކުޅެވޭނެ ފުރިހަމަ ވަސީލަތްތަކެއް ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ. "އަދި އެކަން ކޮށް ނިމުމުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ވެސް އެ ރަށްރަށަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަ ކުރަން ނުޖެހޭ ވަރަށް އަޅުގަނޑުމެން ވަސީލަތްތައް ތަރައްގީކޮށް ގާއިމުކުރާނަން،" ޔާމީން ވިދާޅުވި އެވެ. "އަދި ޖެހިގެން އަންނަ ތިން އަހަރު ނިމިގެން ދާ އިރު އިރާދަކުރެއްވިއްޔާ ޒުވާނުންގެ ތަރުބިއްޔަތަށް ބޭނުންވާ ހުރިހާ ކަމެއް އޮންނާނީ ފުރިހަމަވެފައި."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ