ސިންގަޕޫރު މޯކަމުން ހިންގާ ކަމެއް އަޅުގަނޑަށް އެނގޭކަށް ނުޖެހޭ: ޔާމީން

އަށް ސަތޭކަ މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރައްވާފައިވާ ކަމުގެ ތުހުމަތުގައި، މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ޔާމީން މިއަދު ހާޒިރުކުރައްވައި އޭނާއާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ސިންގަޕޫރުގައި އުފައްދާފައިވާ މޯކަމް ކުންފުންޏަކީ ސިންގަޕޫރުގައި ހިންގާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏާއި މެލޭޝިޔާ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންވުމުން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުން ހިންގާ ކަންތައް އެސްޓީއޯ ބޯޑަށް ނާންނާނެ ކަމަށާއި އަދި އެ ފަދަ ކަމެއް އަޔަސް އެސްޓީއޯގެ ޗެއާމަނަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެސްޓީއޯ ސިންގަޕޫރު ކުންފުންޏާ ގުޅިގެން ހަދާ ކުންފުންޏެއްގެ ކަންތައް އެނގޭނީ އެސްޓީއޯ ސިންގަޕޫރަށް. މާލޭގައި އެސްޓީއޯގެ މައި ކުންފުނީގެ އިސް ވެރިން ތިއްބަވާ ނަމަވެސް އެ މައްސަލަ ވެސް އެސްޓީއޯގެ ބޯޑަކަށް ނާންނާނެ. މޯކަމް އަކީ ގާނޫނާ އެއްގޮތަށް ނުވަތަ ގާނޫނާ ޚިލާފަށް އުފައްދާފައި އޮތް ކުންފުންޏެކޭ ވެސް ނުދަންނަވަން. މި ދަންނަވަނީ އެފަދަ ކުންފުންޏެއް ގާނޫނާ ޚިލާފަށް އުފެއްދޭނެ ކަމަށް ގަބޫލުކުރަން ދައްޗޭ،" ޔާމީން ވިދާޅުވި އެވެ. މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ޔާމީން ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑަށް އެސްޓިއޯގެ ވެރިން އެކި މީހުން އައްޔަންކުރުމަކީ އެސްޓީއޯގެ ބޯޑަށް އަންނަ ކަންތަކެއް ނޫން ކަމަށެވެ. މޯކަމް ޓްރޭޑިން ކުންފުންޏަކީ ގާނޫނާ އެއްގޮތަށް އުފައްދާފައި އޮތް ކުންފުންޏެއް ކަމަށް ޔާމީން ގަބޫލުކުރައްވަންތޯ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ އެ ކުންފުނި އުފެއްދި ތާރީޚެއް ވެސް ނޭނގޭ ކަމަށާއި މޯކަމްގެ ބޯޑަށް އެސްޓީއޯ އިން ކަނޑައެޅި މީހުންނަކީ ކޮބައިކަން ވެސް، މި މައްސަލަ ފެންމަތިވުމުގެ ކުރިން އެނގިފައި ނެތް ކަމަށެވެ. ޔާމީން ވިދާޅުވީ އެހެން ސަބްސިޑަރީ ކުންފުންޏެއްގައި ބައިވެރިވުމަކީ ކޮންމެ ކުންފުންޏަކަށް ވެސް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި މޯކަމް ކުންފުނީގައި އެސްޓީއޯގެ މުވައްޒަފުން ބައިވެރިވީ އަމިއްލަ ހައިސިއްޔަތުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މޯކަމް ކުންފުނިން ބަރުމާ އަށް ތެލުގެ ވިޔަފާރި ހިންގާ އިރު، އެ ވިޔަފާރިއާ ގުޅޭ ގޮތުން ދެ ކުންފުންޏަކަށް ބިލްކޮށްފައިވާ ކަން އެނގޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ މޯކަމް ޓްރޭޑިން އަކީ ބޯޑެއް އޮވެގެން ހިނގާ ކުންފުންޏެއް ކަމަށާއި އެ ބޯޑުގެ ކަންތައް އެސްޓީއޯ ބޯޑަށް އެނގެންނުޖެހޭ ކަމަށެވެ. އަދި ސިންގަޕޫރަކީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި ނޮލެޖް ކެޕިޓަލް ގައުމު ކަމަށްވާ އިރު، އެފަދަ ވަގު ވިޔަފާރިއެއް ސިންގަޕޫރުގެ ތެރެއިން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. މޯކަމް ކުންފުނިން ހިންގި ތެލުގެ ވިޔަފާރީގެ ފައިސާ އަށް ވީ ގޮތެއް، މަޖިލީހުގެ ކޮމިޓީން ބެލި ބެލުމުން އެނގެން ނެތް ކަމަށްވާ އިރު، އެ ފައިސާ ދިޔައީ ކޮން ތަނަކަށް ކަން އެނގިވަޑައިގަންނަވާތޯ ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ ސިންގަޕޫރުގައި މި ފަދަ ބޮޑު ވިޔަފާރިއެއް ކުރާ އިރު ފަސްޓް ކްލާސް އިންޓަނޭޝަނަލް ބޭންކެއްގައި އެލްސީ ހުޅުވައިގެން ނޫން ގޮތަކަށް މި ކަހަލަ ވިޔަފާރިއެއް ނުކުރެވޭނެ ކަމަށެވެ. އެހެންވީމާ އެ ބޭންކެއްގެ ތެރެއިން ނޫން ގޮތަކަށް އެ ފައިސާ އެހެން ފަރާތަކަށް ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެ ފައިސާ އިތުރު ތަނަކަށް ދާނީ އެ ފައިސާ ލިބެންވާ ފަރާތަކުން ސީދާ ބޭންކަށް ސިޓީއަކުން އަންގައިގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ބަރުމާއަކީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ބައިނަލްއަގުވާމީ މުޖްތަމައުން އަޅާފައިވާ ގައުމެއް ކަން އެނގިވަޑައިގަނޭތޯ އާއި އެ ފަދަ ގައުމަކާ އެކު ވިޔަފާރި ހިންގުމަކީ ކޮން ކަހަލަ ކަމެއްކަން އެނގިވަޑައިގަނޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ އެފަދަ ފިޔަވަޅުތައް ތަންފީޒުކުރަންޖެހެނީ ގައުމުތަކުގެ ސަރުކާރުތަކުން ކަމަށެވެ. "ދަތިކުރުމުގެ ފިޔަވަޅުތައް އެޕްލައިކުރަނީ ސަރުކާރުތަކަށް. އަމިއްލަ ކުންފުނިތަކަށް އެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޯވޭ. އިހައް ދުވަހާ ހަމައަށް އިންޑިއާ އިން ހަނޑޫ ގެންނަންދެން އަޅުގަނޑުމެން ކަމުން އައީ ބަރުމާ އިން ގެންނަ ހަނޑޫ،" ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ތެލުގެ ވަގު ވިޔަފާރިއެއް ވިޔަސް އަދި އެހެން ބާވަތެއްގެ ވިޔަސް ވަގު ވިޔަފާރިއެއް އެއްވެސް އިރެއްގައި ކޮށްފައިނުވާނެ ކަމަށެވެ. ކޮމެޓީ އަށް ޔާމީން ހާޒިރުކުރީ ރޭ ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ