އެމްޑީޕީގެ މުޒާހަރާތަކަކީ ސީދާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ކަމެއް:ޑރ.ޖަމީލު

ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސުލްހަވެރި މުޒާހަރާ ކަމަށް ބެލެވެންނެތް ކަމަށާއި، އެއީ ފުލުހުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކެއް ކަމަށް ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އދ.ދަނގެތީގައި ފުލުހުންގެ ހިދުމަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑރ.ޖަމީލު ވިދާޅުވީ މާލޭގައި މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގައި ފުލުހުންނަށާއި ފުލުހުންގެ މުދަލަށާއި ދައުލަތަށާއި، ވަރަށް ބޮޑެތި ގެއްލުން ދެމުން ގެންދާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ، ގައުމުގެ އިޖުތިމާއީ ފޭރާން މުޅިން ވީދިފައިވާ ކަމަށާއި ވަޅު ޖެހެމުންދާ އާދަތައް އިއާދަ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވީ ދަނގެތީގެ ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދިވެހިންނަށް ކާބަފައިން ގެނެސްދީފައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ކަމަށާއި ރައްޔިތުންގެ އެކުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އޮވެގެން ނޫނީ މުޖުތަމައު ކުރިއަރައިގެން ނުދާނެކަން ދަނގެތީގެ ރައްޔިތުންގެ ކިބައިން ފެނިގެން ހިނގައްޖެކަމަށެވެ. ކޮމިޝަނަރ ރިޔާޒް އިތުރަށް ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތް ފެށުމަކީ އެންމެ މުހިއްމުކަން ނޫންކަމަށާއި އެކަން ރަށުގައި ދެމެހެއްޓުމަކީ މާމުހިއްމު ކަމެއް ކަމަށެވެ.
ދަނގެތީގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ދަނގެތީގައި ފުލުހުންގެ ހިދުމަތް ފެށުމުގައި ދަނގެތީގެ ރައްޔިތުންނާއި ދަނގެތީ ކައުންސިލް އިދާރާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ކުރެއްވި ބުރަ އަދި އިހްލާސްތެރި މަސައްކަތްތަކަށް ކޮމިޝަނަރ ރިޔާޒް ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ