ތިލަފުށި ޕްރޮޖެކްޓަށް ދިވާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވަނީ ހުށަހަޅާފަ: މެނޭޖިންގ ޑިރެކްޓަރ

ތިލަފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބިންހިއްކުމުގެ މައްސަލަ މިހާރުވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގާ ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިންގ އެންޑް އެވެލުއޭޝަން ބޯޑު (ޕެމެބް) އަށް ހުށަހަޅާފައިކަމަށް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދު ވެލާނާގެ ބިލްޑިންގެ ކޮންފަރެންސް ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަފުށި ކޯޕަރޭޝަނުގެ އާ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ތިލަފުށި ބިން ހިއްކުމުގައި މަޝްރޫއު ދަށުން 157 ހެކްޓަރުގެ ބިމުގެ ތެރެއިން 32 ހެކްޓަރު ހިއްކާފައިވާ ކަމަށާއި އެމަސައްކަތް މިދިއަ އަހަރުގެ އޮކްޓޯބަރ މަހު ހުއްޓާލާފައިވާ ކަމަށެވެ.
މަސައްކަތް އަލުން ފެށުމަށްޓަކައި އެމަސައްކަތް ހަވާލުކޮށްފައިވާ ހެވީލޯޑުން އެމަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ޑޮކިއުމެންޓްތައް ހުށަހެޅުމަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި އެދިފައިވާނެ ކަމަށާއި ނަމަވެސް ހެވީލޯޑުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
ލަތީފު އިތުރަށް ވިދާޅުވީ ބިންހިއްކުމުގެ ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެހެންކަމުން ޕްރޮޖެކްޓާއި ގުޅޭ މައްސަލަތައް ޕެމެބް އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަތަކުގައި ޖުލައި މަހުގެ 19 ވަނަ ދުވަހު ޕެމެބް ބޯޑުން އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
"އަޅުގަނޑުމެންވާނީ ޕެމެބް އަށް މިމައްސަލަ ހުށަހަޅާފަ. އެބޯޑުން އެމައްސަލަ ބަލާފަ އެބޯޑުން ވަނީ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފަ. ޕްރޮޖެކްޓާ މެދު ދެން އަމަލު ކުރާނެ ގޮތުގެ ލަފައަކަށް އެދުނީ." ލަތީފު ވިދާޅުވިއެވެ.
ލަތީފު އިތުރަށް ވިދާޅުވީ އާ ބޯޑު އެންމެ ބޮޑު އެއްމަސައްކަތަކީ ތިލަފުށީގައި ސެކިއުރިޓީ ޔުނިޓެއް ގާއިމު ކުރުން ކަމަށެވެ. މިހާރުވެސް ތިލަފުށީގެ މަގަތު ފާލަން އޮޕަރޭޓް ކުރާފަރާތްތަކުން އައިއެސްޕީއެސް ކޯޑަށް އަމަލު ނުކުރާ ކަމަށާއި އެތަންތަނުގެ ސެކިއުރިޓީ އިތުރުން ތިލަފުށި އެތެރޭގެ ސެކިއުރިޓީއަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށާއި ތިލަފުށި ޑިވެލޮޕްމަންޓަށް ވެސް ވަރަށް ގިނަ މަސައްކަތްކުރަން ޖެހޭކަމަށެވެ.
އެގޮތުން ތިލަފުށީގެ ބިންހިއްކުމުގެ އިތުރުން އިންޓަރނޭޝަނަލް ޕޯޓަކާއި ކޮންޓެއިނަރ ޓާމިނަލެއް ގެނެއުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
ތިލަފުށީގައި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތައް ވެސް ތިލަފުށީގައި ގާއިމު ކުރެވޭތޯ ބަލާކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
ހެވީ ލޯޑާ ހަވާލޮކޮށްފައިވާ ތިލަފުށި ބިންހިއްކުމުގެ ޕްރޮޖެކްޓަކީ 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ