ތުއްތު ކުއްޖަކު ގޮވައިގެން ބައްޕަ ފިލި މައްސަލައެއް ލިބިފައެއް ނުވޭ: ޕޮލިސް

ތުއްތު ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބައްޕަ ފިލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ތުއްތު ކުއްޖެއްގެ ފޮޓޯއެއް އާންމުކޮށް އެ ކުއްޖާގެ ފެނުނު އެއްވެސް މީހަކު ހުރި ނަމަ އެ ކުއްޖާގެ މަންމަ ރިޕޯޓްކުރުމަށް އަންހެނަކު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން ސުވާލުކުރުމުންނެވެ.
ސޯޝަލް މީޑިއާގައިވާ ޕޯސްޓްގައި ކުއްޖާގެ މައުލޫމާތު ހިއްސާކުރުމަށް ގުޅާނެ ފޯން ނަންބަރެއްވެސް ވަނީ ޖަހާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ބައްޕަ ފިލިކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް ހަ މަހުގެ ކުއްޖަކާއި ގުޅޭ މައްސަަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާތީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ތަހުގީގުކުރަމުންދާ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ތުއްތު ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބައްޕަ ފިލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖަކާ ގުޅުން ހުރި އާއިލީ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއީ ސޯޝަލް މީޑިއާގައި ވާހަކަދެކެވޭ ކުއްޖާއާ ގުޅޭ މައްސަލައެއް ކަމެއް ޖެންޑަ މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ