ރިޟްވާންގެ މައްސަލައިގެ މުޅި ރިޕޯޓް އާއްމު ކުރަން މިދަނީ ވިސްނަމުން – ނަޝީދު

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވާ ރިޕޯޓް އެއްކޮށް އާއްމު ކުރުމާއި މެދު ވިސްނާ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ދެއްވުމަށް ފަހު އަލުން އެރިޕޯޓް އަތުލާފައިވާ ކަމަށް ދެކެވުނު ވާހަކައާއި ގުޅިގެން ނަޝީދު މިއަދު ވަނީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަތްޕުޅަށް އަރުވާފައި އޮންނަ ރިޕޯޓެއް "އަނބުރާ އަތުލުން އެއީ ހިންގޭނެ ފަދަ އަމަލެއް ވެސް ނޫން" ކަމަށެވެ.
މުޅި މަޖިލީހުގެ ނިޒާމް ގުޅިފައި ވަނީ ސިޔާސީ ޕާޓީގެ ނިޒާމާއި ކަމަށާއި އެހެންކަމުން ސިއްރުން ނަމަވެސް ހާމަކޮށް ނަމަވެސް ނުވަތަ އަނދިރީގައި ނަމަވެސް ހަވާލުކުރެވޭ ރިޕޯޓެއް އަނބުރާ ނާތުލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރެއްވި ރިޕޯޓްގެ ހުލާސާއެއް ހާމަކުރުމުން ފައިދާ ބޮޑު ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން މުޅި ރިޕޯޓް އާއްމުކުރުމާއި ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސިއްރު ހެކި ހުލާސާ ރިޕޯޓްގައި ވެސް އަދި ޖުމްލަ ރިޕޯޓްގައި ވެސް ހާމަކޮށްފައެއް ނުވާ ކަމަށާއި ސިއްރު ހެކިންނަކީ ކޮބައިކަމެއް އެމަނިކުފާނަށް ވެސް އެނގިފައި ނުވާ ކަމަށެވެ.
ރިޕޯޓްގައި ނަންގަނެވޭ ހުރިހާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެފައިވާ ކަމަށާއި އެމަސައްކަތް މިހާރު ކުރިއަށްދަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ