ގިރިފުށިން އައި ވަޒަނާއެކު ހިންމަފުށީ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން އިއްޔެ ބަޑި ޖަހަމުން ދަނިކޮށް، އެ ރަށް ކައިރިން ދަތުރުކުރި ސަފާރީ އުޅަނދެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށް ވަޒަނެއް އެރި ހާދިސާގެ ސަބަބުން، ހިންމަފުށީ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި ތިބި ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ މި ހާދިސާގެ ސަބަބުން ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. ޝާން ވިދާޅުވީ ހިންމަފުށްޓަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުން އަންނަ ރަށަކަށް ވާއިރު، ހާދިސާ ހިނގި ސަރަހައްދަކީ ފަތުރުވެރިން ޑައިވް ކުރަން ވެސް ފައިބާ ސަރަހައްދެއް ކަމަށެވެ. "ވަރަށް ބިޒީ ޗެނަލެއް އެއީ. ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި،" ޝާން ވިދާޅުވި އެވެ. ކ. ގިރިފުށިން ޖެހި ވަޒަނެއް އަރާފައި ވަނީ އެ ރަށު ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި 41 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއްގެ ގަޔަށެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ފަތުރުވެރިޔާގެ ގަޔަށް އެރީ ތަނެއްގައި ޖެހި، ބާރު ކެނޑިފައި އޮތް ވަޒަނެއް ކަމަށެވެ. އަދި ބުނީ އެ ވަޒަން ދަތުރުކޮށްފައިވަނީ ފަތުރުވެރިޔާގެ ފުއްކިބައިގެ ހަންގަނޑު މަތިން ކޭއްތިލާފައިކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު ޖަރުމަނުގެ ފަތުރުވެރިޔާއަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. އޭނާއަށް ކ. ހިންމަފުށިން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ހުޅުމާލެއަށް ވަނީ ގެނެސްފަ އެވެ. މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ހިންމަފުށީގެ ދެ ގެއެއްގެ ދޮރަށް ވަޒަން އަރާފައި ހުއްޓާވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އޭރު އެމްއެންޑީއެފް އިން ބުނެފައި ވަނީ އެއީ ގިރިފުށިން ދިޔަ ވަޒަނެއް ނޫން ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް، މިހާތަނަށް އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދީފައެއް ނުވެ އެވެ. ޝާން ވިދާޅުވީ އޭގެ ފަހުން އެފަދަ ހާދިސާއެއް ފެންމަތިވެފައި ނުވާ ކަމަށެވެ. އަދި ސިފައިންގެ ތަމްރީނު ތަކުގައި ބަޑިޖަހާ އަޑު އިވުނު ނަމަވެސް، މިހާތަނަށް އެރަށުން ވަޒަނެއް ފެނިފައި ނުވާކަމަށެވެ. އިއްޔެގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ކަމަށާއި، ސަފާރީ އުޅަނދު ދަތުރުކުރަމުން ދިޔައީ ގިރިފުށީގައި ވަޒަން ބޭނުންކުރަމުން ގެންދާއިރު ބަހައްޓަންޖެހޭ ސްޓޭންޑަޑް ދުރުމިން ބަހައްޓައިގެން ކަމަށެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެ މުއައްސަސާއިން ހިންގާ ތަމްރީނުތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންނާއި އާންމުންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ތަހުގީގެއް ފަށާފައިވާ ކަމަށާއި، ތަހުގީގު ނިމެންދެން ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރާ ހުރިހާ ތަމްރީނެއް މެދުކަނޑާލާފައިވާ ކަމަށެވެ. މި ހާދިސާ ހިނގިކަމަށްޓަކައި ސިފައިން ވަނީ މައާފަށް އެދި، އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން އިތުރަށް ސަލާމަތީ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ