ޝިފާގު ދިއުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަކީ ޕީޕީއެމްއަށް ލިބުނު ފޫނުބުދޭވަރުގެ ގެއްލުމެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަންގައި މިއަދު އޮތް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ރަސްމިއްޔާތަށްފަހު ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ޝިފާގަކީ ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެބޭފުޅާ އެޕާޓީއިން ވަކިވުމަކީ އަމިއްލަ ފުޅަށް ވެސް އަދި އެ ޕާޓީއަށް ވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.
"ޝިފާގަކީ ވަރަށް ހަރަކާތްތެރިކޮށް އަދި ހާއްސަކޮށް ޕާޓީއަށް ވަރަށް އިހުލާސްތެރިކޮށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވުމުގައި އަޅުގަނޑުމެންގެ ޓީމުގަައި ވަރަށް ފޫހިކަމެއްނެތި ހަލުވިކަންމަތީ މުރާލިކަންމަތީ އުޅުއްވި ބޭފުޅެއް، އަދި އަޅުގަނޑުމެން ޕާޓީގެ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަރަށް މުރާލި ބޭފުޅެއް، އެހެންކަމުން އަޅުގަނޑުމެނަށް އަމިއްލަގޮތުން ވެސް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެއް،" ޔާމީން ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ޔާމީން ވިދާޅުވީ މިފަހަރުގެ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށާއި އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ޝިފާގު ޖުމްހޫރީ ޕާޓީއަށް ބަދަލުވިއިރު އޭނާ ވަނީ ކުރިޔަށް މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ