ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކޮށްފި

ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކައުންސިލުގެ މެންބަރު އިބުރާހިމު ރަމީޒް އިންތިހާބުކޮށްފި އެވެ.
އެ ކައުންސިލުން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ވެސް ރަމީޒެވެ. އިއްޔެ ކައުންސިލުގައި ވޯޓު ނަގައިގެން ރަމީޒު ރައީސް ކަމަށް އިންތިހާބު ކުރީ ހަ މެންބަރުންގެ އިއްތިފާގުންނެވެ. ހަތް މެންބަރުން ތިއްބަވާ ކައުންސިލުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް ޖަމްޝީދު މުހައްމަދު ވަޑައެއް ނުގަންނަވަ އެވެ.
ކައުންސިލްގެ އާ ރައީސް މިއަދު ވިދާޅުވީ ކައުންސިލުގެ ރައީސް ކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ޖަމްޝީދު ބައިވެރިވެވަޑައިނުގަތީ އެބޭފުޅާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ހަތް މެންބަރުންނަކީ ވެސް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ކައުންސިލްގެ ރައީސް ކަމުން ޖަމްޝީދު އިސްތުއުފާ ދެއްވެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ