ރާއްޖެ މިދަނީ ދުނިޔޭގައި ފައި ހަމަކުރަމުން: ޝާހިދު

ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ އެކު ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޝާހިދު ބައިވެރިވެވަޑައިގެން ސަމިޓްގައި ތަގްރީރު ކުރައްވަމުން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އާ ސަރުކާރެއް އުފެދުނީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
އާ ސަރުކާރެއް ރައްޔިތުން ހޮވީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖެ އަށް ތަރައްގީ ގެނައުމަކީ ވެސް ސަރުކާރުގެ އަމާޒަކަށް ހެދި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިއަދު އަޅުގަނޑު ފަހުރުވެރިކަމާ އެކު ފާހަގަ ކުރާނީ މިކަންކަމަށް އަމަލު ކުރާކަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރެވެ. އެކަމުގެ ނުރައްކާ ރާއްޖެ ފަދަ ގައުމުތަކަށް އޮތް އިރު، އެކަން ހައްލު ކުރަން ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ 2050 އާ ހަމައަށް 200 މިލިއަނެއްހާ މީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންނަށް ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ އިރު، އޭގެ ކުރިން ހައްލު ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދެން އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްގެ ނުރައްކަލެވެ. ޓެރަރިޒަމްގެ ނުރައްކަލަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތައް ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހުރިހާ ގައުމުތަކުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
ޝާހިދު ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ހިންގަމުން އަންނަ ކަންކަމާ ދެކޮޅަށް ތަގްރީރު ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވީ އިޒްރޭލުން ގަވާއިދާ ހިލާފަށް ޕަލަސްތީނުގެ ބިންތައް ހިސާރު ކުރަމުންދާ ދިއުން ރާއްޖެ އިން ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެ އިން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނާއި އިޒްރޭލް ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ގައުމުތަކުގެ ވެރިންނާ ޝާހިދު ވަނީ ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނޮން އެލައިންޑް މޫވްމަންޓަކީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ދެބަސްވުންތަކުގެ ތެރޭގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ވަކިކޮޅަކަށް ނުޖެހި ތިބުމަށް މީގެ 58 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގައި 120 ގައުމުން ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ