"ކޮސް ގިނަ މިސްޓޭކް" ގެ ފަރސްޓް ލުކުންވެސް ފިލްމުގެ ތަފާތު އެނގިއްޖެ

އަންނަ ނޮވެމްބަރުމަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ "ކޮސް ގިނަ މިސްޓޭކް" ފިލްމުގެ ފަރސްޓްލުކް މިހާރުވަނީ، އެ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝާއިއު ކޮށްފައެވެ.
އެހެން ފިލްމުތަކާ ޚިލާފަށް، މި ފިލްމުގެ ފަރސްޓްލުކް އާންމުކުރިއިރު މުޅިންވެސް ހިމެނެނީ ފިލްމުގައި ހިމެނޭ ބައެއް ލަވަތަކުގެ މަންޒަރުތަކެވެ. އެގޮތުން، މުޅި ފިލްމުގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ފަސްލަވައިގެ މަންޒަރުތައް ހިމަނާފައި ވެއެވެ.
އާންމުކުރި ފަރސްޓްލުކަށް ބަލާލާއިރު، މި ފިލްމުގައި ހިމެނޭ ރޮމޭންޓިކް ހެއްވާމަޖާ ބައިތައް ސިފަވެގެންދެއެވެ. އަދި ހަމަ އެއާއެކު، ހިތާމަވެރި މަންޒަރުތައްވެސް ހިމެނޭކަން ފަސްޓްލުކްއިން ފެނިގެންދާ ފަހު ލަވައިން އެނގެއެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން "ކޮސް ގިނަ މިސްޓޭކް" ގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާއިލް ޝަފީގު ވިދާޅުވީ، ފަސްޓްލުކް އާންމު ކުރުމާއެކު، ވަރަށް ގިނަ އާންމުން ފިލްމް ބެލުމަށް ޝައުގުވެރިކަން ފާޅުކޮށް ފިލްމާ ބެހޭގޮތުން ޝުއޫރުތައް ފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން، އަދި ފިލްމު އަޅުވާނެ ދުވަހަކާ ބެހޭގޮތުންވެސް ސުވާލުތައް ކުރަމުން ގެންދާކަމަށް ބުނުއްވިއެވެ.
މަހެއްހާ ދުވަހު ފިލްމްގެ ޝޫޓިންގ ގައި އދ. ފެންފުށީގައި 17 މެންބަރުންގެ ކްރޫއެއް ހޭދަކުރުމަށްފަހު މާލެ އައިސް މިހާރު ކުރަމުންދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތަކެވެ. އަދިވެސް ފިލްމުގެ މަދު މަންޒަރުތަކެއް ޝޫޓްކުރަން އޮތްނަމަވެސް ފިލްމު އަޅުވަން ވާއިރަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމުގެ ޔަޤީންކަން ޕްރޮޑަކްޝަން މެނޭޖަރު ޝަފީގު ވަނީ ދެއްވާފައެވެ.
"ކޮސް ގިނަ މިސްޓޭކް" ގައި މުހިންމު ދައުރެއް އަދާކުރާ ތަރިންގެ ތެރޭގައި ހާމިދު އަލީ، އަހުމަދު އީސާ، އިރްފާނާ އިބްރާހީމް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އަހުމަދު ނިމާލް، އަލީ އާޒިމް، އިބްރާހިމް ޝާފިއު، ގުލިސްތާން މުހައްމަދު، އަލީ ސީޒަން، އަހުމަދު ސައީދު، އައިޝަތު ލަހުފާ، މުހައްމަދު ނަވާލް އަދި ޔޫއްޕެ ހިމެނެއެވެ.
ވީމީޑީއާ އޮރިޖިނަލްގެ ފުރަތަމަ ފިލްމު "ދަޢުވަތު"ގެ ހައުސްފުލް 20 ޝޯވ އޮލިމްޕަހުގައި ދެއްކުމަށްފަހު ހުޅުމާލެ ޝްވެކް ސިނަމާގަ އާއި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ކާމިޔާބު ޝޯތަކެއް ވަނީ އަޅުވާފައެވެ. ވީމީޑީއާ އިން ދެކޭގޮތުގައި ދެވަނަ ފިލްމު "ކޮސް ގިނަ މިސްޓޭކް" އަކީވެސް ވަރަށް ކާމިޔާބު ފިލްމަކަށް ވާނެއެވެ. ފިލްމާ މެދު މިހާރު އުފެދެމުންދާ ޝައުގުވެރިކަން ފެނުމުން މިއީ ތެދެއްކަން ޤަބޫލުކުރެވެއެވެ.
"ކޮސް ގިނަ މިސްޓޭކް" އޮލިމްޕަހުގައި އަޅުވާނީ ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ. ކުރިއަށް އޮތް ހަފްތާ ތެރޭގައި ފިލްމުގެ ޓިކެޓް ވިއްކަން ފަށާނެކަމަށް ވީމީޑިއާ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ