ކޮވިޑް-19: ސަރުކާރު ބަންދު ނަމަވެސް ކޮމިޝަންގެ ޚިދުމަތް ލިބެމުންދާނެ: އެޗްއާރްސީއެމް

ސަރުކާރު ބަންދު ނަމަވެސް ކޮމިޝަންގެ ޚިދުމަތް ލިބެމުންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރު ބަންދުކުރުމަށް ނިންމުމާގުޅިގެން ކޮމިޝަނުގެ އިދާރާވެސް ބަންދުކުރުމަށް ނިންމައި އެހެންނަމަވެސް ކޮމިޝަނުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1424 އާއި[email protected]އަދި[email protected]އީމެއިލްގެ އިތުރުން، ސަރުކާރުގެ މުޢާމަލާތްތައް ކުރުމަށް ހަމަޖެހިފައިވާ ޖެމްސް މެދުވެރިކޮށް ލިބޭ އިންތިޒާމްވަނީ ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރްސީއެމް އިން އިތުރަށް ބުނީ ކޮވިޑް-19 އަކީ ޕެންޑަމިކްއެއް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރުމާގުޅިގެން މި ބައްޔަށް އެކި ޤައުމުތައް ތައްޔާރުވަމުންދިޔަ މަރުޙަލާގައި ދިވެހިރާއްޖެވެސް ކޮވިޑް-19އަށް ތައްޔާރުވުމުގެ ފުރަތަމަ މަރުޙަލާގައި ދައުލަތުން ބޭއްވި މަޝްވަރާތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެ، އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން މިފަދަ ޙާލަތެއްގައި ކަންކަން އިންތިޒާމު ކުރާނެގޮތުގެ މަޝްވަރާކޮށް ކަރަންޓީނު ފެސިލިޓީތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ދެނެގަނެ، މިފަދަ ތަންތަނުގެ އިންތިޒާމްތަކާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް ލަފާ އަރުވާފައިވާނެ ކަމަށެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތައް އޮޕަރޭޓް ކުރާނެ ގޮތުގެ ނިޒާމެއް އެކަށައެޅުމުގެ މަރުހަލާގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ސިވިލްސަރވިސް ކޮމިޝަނާ ބައްދަލުކޮށް އެ ކޮމިޝަނުގެ ފަންނީ ލަފާ އެ ސަރވިސްއަށް ހުށަހަޅާފައިވާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ. ބަޔާނުގައި އެޗްއާރްސީއެމް އިން އިތުރަށް ބުނީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި ބަންދުކޮށްފައިވާ ފަރާތްތަކަކީ، މިޙާލަތުގައި އިތުރު ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށްވާތީ، ދިވެހިރާއްޖޭގައި މިފަދައިން މީހުން ބަންދުކޮށްފައިވާ ތަންތަނުގައި ކޮވިޑް-19 އާ ގުޅިގެން ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާފައިވޭތޯ ކޮމިޝަނުން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކޮމިޝަނުން މޮނިޓަރ ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ