ރައީސް ޔާމީން މާދަމާ ވެސް ފުލުހަށް ހާޒިރު ކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މިއީ ފާއިތުވި ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާ ހަތަރު ވަނަ ފަހަރެވެ.
ޔާމީންގެ ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާ މެންދުރުފަހު 1:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ.
ޔާމީން ފުލުހަށް ހާޒިރު ކުރާތީ ޖަމީލް ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ. ޖަމީލް ވަނީ ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އަންގާފައިވާއިރު، މިއީ ކިހާ ވަރެއްގެ ރައްކާތެރިކަމާ އެކު ކުރާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާއިރު، މިއީ ކިހާ ޒިންމާދާރުކަމެއްތޯ ވެސް ޖަމީލް ސުވާލު ކުރެއްވެވިއެވެ.
"ރައީސް ޔާމީނަކީ ކަސްޓަޑީގައި ހުންނެވި ބޭފުޅަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ސުވާލުކުރެވިދާނެ. އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލްކުރަންޖެހިގެން މި އުޅެނީ؟ މިކަމުގެ ސިއްރަކީ ކޮބާތޯ؟" ޖަމީލް ވިދާޅުވިއެވެ.
ފުލުހުން މިހާރު ތުހުމަތު ކުރަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ހުރިހާ ފައިސާއެއް ގެއްލުމުގައި ނުވަތަ ލޯންޑާ ކުރުމުގައި ޔާމީންގެ ބައިވެރިވުން އޮތް ކަމަށެވެ.
ޔާމީންގެ މައްޗަށް މިހާރު ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެމްއެމްޕީއާރްސީ އަށް 220 މިލިއަން ރުފިޔާ ހޯދުމަށްފަހު އެފައިސާ އަށް ޚިޔާނާތްތެރިވުމާއި އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، އެމްއެޕީއާރްސީން ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.ޕީ.އާރުސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 111800 މިލިއަން ޑޮލަރު ލޯންޑާ ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ހުރިހާ ފައިސާއަކީ ރައީސް ޔާމީން ބޭނުން ކުރެއްވި ފައިސާ ކަމަށް ފުލުހުން ތުހުމަތުކޮށް އެމައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާއިރު، އެމައްސަލައަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އިބްރާހިމް ޒިޔަތު ތިއްބެވީ ގޭބަންދުގައެވެ. އަދީބުގެ މައްޗަށް ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އުފުލާފައި ވީނަމަވެސް އެއްވެސް މައްސަލައެއްގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ.
އަދީބުގެ އިތުރުން ވެސް އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފައިސާ ލިބުނު އެތައް ބަޔަކު މިސަރުކާރުގައި ވެސް އެބަތިއްބެވެ. ނަމަވެސް ދާދިފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު މިހާރު އޮތީ މަޑުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ