ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި މިއަދު މެންދުރުފަހު 1:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ވަނީ އަންގާފަ އެވެ.
ރައީސް ޔާމީންގެ ގާނޫނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ކޮރޮނާގެ ނުރައްކާ ރާއްޖެއަށް އައިސްފައިވާއިރު، މިހާލަތުގައި އެމަނިކުފާނު ގެންނަވާތީ ކަންބޮޑުވުން ފާޅުކޮށް ޓްވީޓްކުރައްވާފައެވެ. ރައީސް ޔާމީން އަކީ ޖަލު ބަންދުގައި ހުންނެވި މީހަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ފުލުހުންނަށް ސުވާލުކުރެވިދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލުކުރަން ޖެހިގެން މި އުޅެނީ" ޖަމީލް ސުވާލު އުފެއްދެވިއެވެ.
ނިމިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން އޮފީހަށް ހާޒިރުކުރައްވާފައިވާ ކަމަށް ވެއެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވެސް ފުލުސް އޮފީހަށް ހާޒިރުކުރިކަމުގެ އަޑުއަތެއް ފެތުރުނެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށްވެސް އިދިކޮޅުން ވަނީ ސަރުކާރުގެ ކިބައިން އެދިފައެވެ.
ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގުކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުގައި އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ