މިނިސްޓްރީ އަށް ފައިސާ ބަލައިގަންނަން ބޭނުމެއް ނޫން: އަލީ ވަހީދު

ޓެކްސް ފިޔަަވައި އެހެން ފައިސާއެއް ނެގުމުގެ ބާރު މީރާ އަަށް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވިޔަސް ޓޫރިޒަމްގެ ފީތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަލައިގަންނަން އެދިވަޑައިނުގަންނަވާ ކަމަށް ޓޫރިޒަމްް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަަރޭޝަން ސެންޓަރުގައި ރޭ ބޭއްވީ މީޑިއާ ބްރީފިންގައި "މިހާރު"ން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޓޫރިޒަމް ދާއިރާގެ ފީތައްް ނަގާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި މީރާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އަށް ފައިސާ ޖަމާކުރުމަކީ ކުރައްވަން އެންމެ އެދިވަޑައި ނުގަންނަވާ އެއް ކަންތަކެވެ. ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި އޭނާ ހުންނަވާތާ މިވީ ދޮޅުއަހަރެެއްހާ ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް އެއްވެސް ފައިސާއެއް ބަލައިގެންފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Gaanoonee huskameh: Hukumaa eku gina fee thah dhekkeyne gotheh neiy!
"އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އަދި އަޅުގަނޑު ޔަގީންކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އޮފީހުގައި އެބަ އިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާ އެއްޗިހި،" މިނިސްޓްރީން ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޔަގީން ދެއްވުމުގެ ގޮތުން އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ އެެމްއެމްޕީއާރުސީ ގުޅިގެން ރައްތައް ދޫކޮށް ފައިސާ ނެގުމުގެ ކަންތައް ކުރިން ކޮށްފައިވާ ގޮތަށް މިހާރު ނުހިނގާނެ ކަމަށެވެ. ކުރިން ކަންތައް ކުރި ގޮތް ކަމަށް އޭނާ އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑުު ހިޔާނާތުގެ ވާހަކަ ކަމަށް ބެލެވެ އެވެ. ވިދާޅުވީ މާކެޓިން ކުންފުންޏާ މިނިސްޓްރީއާ ދެމެދު މިހާރު އެފަދަ މުއާމަލާތްތައް ނުހިނގާ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އަދި އަޅުގަނޑު ޔަގީންކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އޮފީހުގައި އެބަ އިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާ އެއްޗިހި-- އަލީ ވަހީދު
"އޭރު އެމްއެމްޕީއާރުސީއާ ޓޫރިޒަމާ ވަރަށް ގުޅިލާމެހިފައި އޮންނަނީ ރަށްތައް ދޫކުރުމާ ކަންކަމުގައި. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އާ ސަރުކާރުން ރައީސް މެންޑޭޓް ކަނޑައެޅުއްވި އިރު އެ މެންޑޭޓްތައް އޮތް ގޮތާއި އަދި މިހާރު މާކެޓިން ކުންފުންޏާއި މިނިސްޓްރީ މި ތަރުތީބުވެފައި އޮތް ގޮތުގައި އެކަހަލަ އެއްވެސް ކަމެއް މި ދެ އެޖެންސީ ދޭތެރޭގައި ހިނގަމަކުން ނުދާނެ،" އަލީ ވިދާޅުވި އެވެ.
ޓެކްސް ނެގުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެކު ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފީތައް ދެއްކޭނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މީރާއާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަަޅާފައިވާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުން ގާނޫނުތަކުގައި ބަޔާން ކުރާ ޓެކްސްތައް ފިޔަވައި އެއްވެސް ފީއެއް ނެގުމަކީ މީރާގެ މަސްއޫލިއްޔަތެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ