ކޮވިޑް-19: މިހާތަނަށް ޖެންޑާ މިނިސްޓްރީން ކުރި 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް ޖެންޑާ މިނިސްޓްރީން 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅިގެން އެ މިނިސްޓަރީން ކުރަމުންދާ މަސައްކަތް ތަކުގެ ތަފާސް ހިސާބު ވަނީ އާންމުކޮށްފައެވެ. އެ ތަފާސްހިސާބު ތަކަށް ބަލާއިރު، ހަރަދު ކުރެވުނު ފައިސާ ހަމަޖެހިފައިވަނީ ޒަކާތު ފަންޑާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް ފިނޭންސް އަދި ބަނޑޭރި ޕޭ މެދުވެރިކޮށާއި ކެނެޑާ ފަންޑުނެވެ.
އެގޮތުން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާއާއި ޔުނިސެފުން 360،000 ރުފިޔާއާއި ފިނޭންސް މިނިސްޓްރީން އެއް މިލިއަން ރުފިޔާއާއި ބަނޑޭރި ޕޭ އިން 187،150 ރުފިޔާ އަދި ކެނެޑާ ފަންޑް އިން ކޮމިޓްކުރި 1.5 މިލިއަން ހިމެނޭ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޖެންޑާ މިނިސްޓްރީން ކޮވިޑަށް ކޮށްފައިވާ ހޭދަ
މީގެ އިތިރުން އެހެނިހެން ހަރަދު ތަކުގެ ގޮތުގައި 589،495.27 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ މިނިސްޓރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބު ތަކަށް ބަލާއިރު ހަމަ އެއާއެކު ވަގުތީ ބޯހިޔާވަހިކަން 397 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ. ކުލި ނުދެއްކިގެން 252 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރއިން 112 މީހުންނަށް ވަގުތީ ހިޔާ ފޯރޮކޮށްދީފައިވާ ކަމަށެވެ. ޔުނިސެފްގެ އެހީތެރިކަމުގައި 553 ކެއަރާ ޕެކޭޖުގައި ބޯތަކެތި ފޯރުކޮށްދީފައި ވެއެވެ. މިނިސްޓްރީގެ ފަރާތުން 273 ކެއަރ ޕެކޭޖް ވަކި ވަކި އާއިލާތަކަށް ވަނީ ފޯރުކޮށްދީފައި ކަމަށެވެ. މީގެ އިތުރުން އަމިއްލަ ޖަމިއްޔާތައް މެދުވެރިކޮށް 9 ކެއާ ޕެކޭޖް ފޯރުކޮށްދީފައިވެއެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކޮށް ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން 5000 ރުފިޔާގެ އެލްވަންސެއްވެސް ދޭން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ