ހައްލަކީ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ރައީސް ޔާމީން ގެނައުން: ޑރ.ޖަމީލު

ރާއްޖެއަށް މިހާރު ދިމާވެފައިވާ ކަންކަމުގެ ހައްލަކީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.ޑރ.ޖަމީލު މިހެން ވިދާޅުވީ، ޕީޕީއެމް އާއި އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން ޑރ.ޖަމީލު ވިދާޅުވީ ރާއްޖެއަށް މިހާރު ވަނީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ކަމެއް ކުރިމަތިވެފައި ކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ އެމަނިކުފާނު އަރާމު ކުރައްވަން ފައްޓަވާނީ ޖަލުގައި ހުންނެވި ރައީސް ޔާމީން ޖަލުން މިނިވަންކޮށް، 2023 ވަނަ އަހަރު ދިވެހި ޤައުމުގެ ރިޔާސަތާއި ހަވާލުކޮށްފައިކަމަށެވެ. ޑރ.ޖަމީލު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުކޮށް މިރޭ ވާހަކަ ދައްކަވާފައެވެ.މިގޮތުން ޑރ.ޖަމީލު ވިދާޅުވީ ދަތުރުކުރަން ޖެހެނީ އެންމެ މަންޒިލަކަށް ކަމަށާއި އެއީ ރައީސް ޔާމީން ދެއްކެވި މަންޒިލަށް ކަމަށެވެ. އަދި އިޤްތިސާދު ބައްޓަން ކުރަންޖެހެނީ އެންމެ ގޮތަކަށް ކަމަށާއި އެއީ ރައީސް ޔާމީން ބައްޓަން ކުރެއްވި ގޮތަށް ކަމަށެވެ. ޑރ.ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ޤާއިދަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީންގެ ވަކީލުކަންވެސް ކުރައްވަމުން ގެންދަވާ ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީން މިވަގުތު ޖަލުގައި ހުންނެވީ ސިޔާސީ ހަސަދައިން ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށާއި އަދި އިންސާފުން ނޫން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރަން އެންމެން ނިކުންނަން ޖެހޭ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ