ނަޝީދު ހުންނެވީ ވެރިކަމަށް ފެންބޮވައިގެންފައި: މަލީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުންނެވީ ވެރިކަމަށް ފެންބޮވައިގެންފައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވާހަކަތަކުން ދޭހަވަނީ ސަރުކާރު ހިންގާ ޕާޓީގެ ސުޕާ މެޖޯރިޓީ މަޖިލީހުގެ އޮވެ އެ ޕާޓީގެ ފަރާތުން މަޖިލިސް ރައީސަކަށް ހުރި ބޭފުޅާ ރައީސުލްޖުމްހޫރިއްޔާ އަރިހު ރީތިބަހުން އިސްތިއުފާދެއްވާށޭ ވިދާޅުވުން ކަމަށެވެ.
"އަދި ތިމަންނާޔާ ވެރިކަން ހަވާލުކުރާށޭ ބުނީމަ އެހުރީ ހަމަ ހަޤީޤަތުގަވެސް ވެރިކަމަށް ފެންބޮވާފަ" މަލީހު ވިދާޅުވިއެވެ.
ނަޝީދު، ރައީސް ސޯލިހަށް މިގޮތަށް ދެންނެވީ އިއްޔެ ހަވީރު އެމަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެ މެސެޖްގައި ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.
އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.
ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ