ޣައްޒާގެ ޙާލަތު ގޯސްވެ ޤަބުރުސްތާނުތަކަށް ބާރުބޮޑުވެއްޖެ

ފަލަސްޠީނުގެ ޣައްޒާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެ ސަރަޙައްދުގެ ބަލިކަށިވެފައިވާ ޞިއްޙީ ނިޒާމަށް އިތުރަށް ބާރު ބޮޑުވެއްޖެއެވެ.
ޣައްޒާގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ރަމަޟާން މަހުގެ ކުރިން އިތުރުވާން ފަށައިފައެވެ. ޣައްޒާގެ ޙާލަތު ގޯސްވި ސަބަބުތަކުގެ ތެރޭގައި މާސްކު އެޅުމުގެ ޤަވާއިދުތަކަށް ފުރިހަމައަށް ޢަމަލުނުކުރުމާއި ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ހުޅުވައިލުން ހިމެނޭކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ފަޤީރުކަމާއި ބޭސް ހޯދުމަށް ދަތިވުމާއި ވެކްސިނާމެދު އޮންނަ އިތުބާރު ކުޑަވުމާއި ރަމަޟާން މަހުގެ ތެރޭގައި ބާއްވައި އެއްވުންތައް އިތުރުވުމުން ކުރިއަށްއޮތް ދުވަސްތަކުގައި ބަލިފެތުރޭ މިންވަރު އިތުރުވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއާއެކު އޭޕުރިލް މަހުގެ 22ވަނަ ދުވަހުން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައި ކާފިޔު އިޢުލާނުކޮށް ހަވީރުން ފެށިގެން ޣައްޒާގެ މިސްކިތްތައް ބަންދުކުރުމަށް އެ ސަރަޙައްދުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ނިންމައިފައެވެ.
2 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 42 އިންސައްތައަކީ ވަޒީފާ ޢާދާނުކުރާ މީހުންނަށްވުމުންނާއި މެއި މަހުގެ 22ވަނަ ދުވަހު ފަލަސްޠީނުގެ އާންމު އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އިޤްތިޞާދަށް ބޮޑެތި އަސަރުކުރާފަދަ ފިޔަވަޅުތަކެއް ނާޅާނެކަމަށް ޙަމާސުން ބުނެއެވެ. ޣައްޒާގައި ހަރުކަށި ފިޔަވަޅުތަކެ އެޅި ނަމަވެސް އެ ސަރަޙައްދު ފުރަބަންދުކުރަން ނުވިސްނާކަމަށް ހަމާސުން ބުނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ޙާލު ބޮޑުވާ މީހުންގެ ޢަދަދު ޣައްޒާގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. ޣައްޒާގެ ޞިއްޙީ މާހިރުން ބުނީ ހަސްފަތާލުތަކުގެ އައިސީޔޫތަކުގައި ލިބެންހުރި އެނދުތަކުގެ 70 އިންސައްތަ މިހާރުވެސް ބޭނުން ކުރަމުންދާކަމަށެވެ. މިދިޔަ މާރިޗު މަހުގެ ފަހުކޮޅު އެ ނިޞްބަތް ހުރީ 37 އިންސައްތައިގައެވެ. ބަލިޖެހޭ މީހުންގެ ނިޞްބަތްވެސް 43 އިންސައްތައަށްވަނީ އިތުރުވެފައެވެ.
ފާއިތުވި 6 ދުވަހުގެ ތެރޭގައި ޣައްޒާގައި ކޯވިޑް-19 ޖެހިގެން 86 މީހުންވަނީ މަރުވެފައެވެ. އެއީ އޭގެ ކުރީ ހަފުތާއަށްވުރެ 43 އިންސައްތަ އިތުރު ޢަދަދެކެވެ. ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ދުވާލަކު 10ވަރަކަށް މީހުން މަރުވެފައިވެއެވެ. އޭގެ ސަބަބުން ޤަބުރުސްތާނުތަކަށްވެސްވަނީ ބާރުބޮޑުވެފައެވެ. އަދި ހަނގުރާމައިގެ ދުވަސްވަރަށްވުރެ މިހާރުގެ ޙާލަތުގައި މީހުން ވަޅުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވަނީ އުނދަގޫވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ