ކޮޕާ އެމެރިކާ: ކީޕަރު މާޓިނޭޒްގެ އެހީއާއެކު އާޖެންޓީނާ ފައިނަލަށް

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ އެސްޓަޑިއޯ ނަސިއޮނާލް ގައި ކުޅުނު ސެމީފައިނަލް މެޗުން މޮޅުވެ އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ މެޗު ފުރިހަމަ ވަގުތު ނިމުނުއިރު 1-1 އިން ދެޓީމު އެއްވަރުވުމުންނެވެ. އެއާއެކު ޕެނަލްޓީގައި އާޖެންޓީނާ ކުރިހޯދީ 3-2 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އާޖެންޓީނާ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑުނެގި ލަނޑު ޖަހާފައިވަނީ ލައުޓާރޯ މާޓީނޭޒް އެވެ. ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަކުރި ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް ޑިއާޒް އެވެ.
ކޮޕާ އެމެރިކާގެ ގަވާއިދު ބުނާގޮތުން މެޗުގެ ފުރިހަމަ ވަގުތު ކުޅުން ނިމޭއިރު ނަތީޖާ ހަމަހަމަވެއްޖެ ނަމަ ދެން ޖެހޭނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ކޮލަމްބިއާގެ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކީޕަރު މާޓިނޭޒް ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
ކޮލަމްބިއާ ޖެހި ޕެނަލްޓީތަަކުގެ ތެރެއިން ކާމިޔާބުކުރެވުނީ ކުއަޑްރާޑޯ ޖެހި ޕެނަލްޓީ އެކަންޏެވެ. ޕެނަލްޓީގައި މާޓިނޭޒްގެ ހުށިޔާރުކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ. އޭނާއަކީ މިހާރު އެސްޓަންވިލާގެ ކީޕަރެވެ.
ފައިނަލުގައި އަންނަ އާދީއްތަ ދުވަހު އާޖެންޓީނާ ނުކުންނާނީ މުބާރާތް ބާއްވާ ބްރެޒިލާ ދެކޮޅަށެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ޕެރޫ އާއި ކޮލަމްބިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ