ކޯވިޑް ދިފާޢު : 18އަހަރުން މަތީގެ އެންމެން ވެކްސިން ޖަހަން ހުޅުވާލައިފި

މާދަމާއިން ފެށިގެން 18އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހަމަޖައްސައިފިއެވެ. ނަމަވެސް މިއުމުރުފުރާގެ މީހުންނަށް އަދި ވެކްސިން ދެމުން ގެންދާނީ މާލެ ސަރަޙައްދުގެ ސެންޓަރުތަކުން އެކަންޏެވެ.
ރާއްޖޭގައި ކޯވިޑް-19 ދިފާޢު ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ މި ޕްރޮގްރާމް ފެށީ މާލެ ސަރަޙައްދުގެ ސެންޓަރުތަކާއި އަތޮޅުތަކުގެ 3 ސަރަޙައްދެއްގެ 3 ސެންޓަރުގައެވެ. މިހާތަނަށް އައިއިރު ވެކްސިން ދިނުމުގެ ކަންކަން މާލެ ސަރަޙައްދުގެ 7 ސެންޓަރާއި، އަތޮޅުތަކުގެ 169 ސެންޓަރުގައި ވަނީ ފަށާފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ވެކްސިނޭޝަން ޓީމްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނެވެ. އަދި އެއަށްފަހު އުމުރުން ދުވަސްވީ މީހުންނާ، ބޮޑެތި ބަލިތަކަށް ފަރުވާދޭ މީހުންނަށް ވެކްސިން ދޭން ފެށިއެވެ. ނަމަވެސް ފަހުންވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާރު 18އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމުން، ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ދޭން ރާއްޖޭގައި ފެށުނީއެވެ.
ރާއްޖޭގައި ދޭން ފަށާފައިވަނީ އޮކްސްފޯޑް ޔުނިވަރސިޓީއާ އެސްޓްރާޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އިންޑިއާ ސަރުކާރުންނެވެ. މީގެ 200000ޑޯޒް މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ކޯވިޑް-19އިން ދިފާޢުވުމަށް ދޭ ވެކްސިން އެންމެ ކުރިން ޖަހަންފެށި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި އާބާދީގެ ނިސްބަތުން ބަލާއިރުވެސް ރާއްޖެ ހިމެނެނީ ވެކްސިން ދިނުމުގައި ކުރީގައި އުޅޭ ޤައުމެއްގެ ގޮތުގައެވެ.
މިހާތަނަށް އައިއިރު ރާއްޖޭގައި 117115މީހުންވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 77251މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 39864މީހުންނެވެ. ރާއްޖޭގައި އަދި ޖަހަމުންދަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ މުޅި އާބާދީގެ %23މީހުން މިވަނީ ކޯވިޑް-19އިގެ ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ