ޔާމީން ދެއްކި ވާހަކަ ތަހުގީގުކޮށް، އަވަސް ފިޔަވަޅު އެޅުމަށް އެމްއާރުއެމް އިން ގޮވައިލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވެރިކަން ލިބިއްޖެ ނަމަ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ގިނަ ބަޔަކު ޖަލަށް ލާނެ ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ. އެމްއާރުއެމުން މި ކަމަށް ގޮވައިލީ ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގައި އިސްކޮށް ހުންނެވީ ކުރީގެ މަޢުމޫން ޢަބްދުލްޤައްޔޫމް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތައް ދޮގު ކުރައްވައި ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެ ޕާޓީން ކުއްވެރިކުރާ ކަމަށެވެ. މީގެ އިތުރުން އެ ވާހަހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަހުޤީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ވެސް އެ ޕާޓީން ގޮވައިލާ ކަމަށެވެ. "ރައްޔިތުންގެ ކުރިމަތީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަޤީޤަތް އޮޅުވާލަން މަސައްކަތްކޮށް އަނިޠާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިހުތިރާމު ނުކުރާ ކަމުގެ ހެއްކެއް. އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިންނެވެ. އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ. އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވި ނަމަވެސް، ސުޕްރީމް ކޯޓުން އެ ތާރީޚުގައި ސަރުކާރު ވައްޓާލުމަށް، ނުވަތަ ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު ގެއްލޭގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައެއް ނުވާނެ ކަމަށެވެ. އެ ތާރީޚުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވާފައިވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކޮށް، ޝަރުއީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ޤައިދީއަކު ދޫކޮށްލުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅުއްވާފައިވާ 12 މެމްބަރުން އެ މަޤާމުން ވަކި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުއްވި އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ޤާނޫނާއި ޚިލާފަށް އަމަލު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރިވި ކަމަށާއި އަދި އެ އަމުރު ތަންފީޒު ނުކުރުމަށް ޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ޤާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މި ޕާޓީގެ ޒަޢީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވޭ، ނަމަ ވެސް ރައީސް ޔާމީންގެ ސަރުކާރަކީ، ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމުން، ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫޢަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވި،" އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ޤައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާޙު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަށް އަމުރުކުރީ ރައީސް ޔާމީން ނޫން ކަމަށް ވިދާޅުވެ އެ ކަމުން ރެކިވަޑައިގަތުމަށް ވެސް އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. އަދި އެ ޕާޓީން ދެކޭގޮތުގައި އޭރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށާއި އެހެންކަމުން މިއަދު އެ ކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަޤީޤީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގައި ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ