ދެތަނަކުން ފޭރުނުތާ 48 ގަޑިއިރު ނުވަނީސް ފިހާރައެއްގެ އަންހެން ސޭޓަށް ބިރުދައްކައި ފައިސާ ފޭރިގެންފި

ފިހާރައަކަށާއި ބިދޭސީން ތިބޭ ތަނަކަށް ވަދެ ފޭރުނުތާ 48 ގަޑިއިރު ނުވަނީސް މިރޭ ތޫނު ހަތިޔާރެއް ހިފައިގެން ހުރި މީހަކު ފިހާރައަކަށް ވަދެ، ސޭޓަކަށް އިން އަންހެންކުއްޖަކަށް ބިރު ދެއްކުމަށްފަހު 600ރ ފޭރިގަނެގެން ފިލައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މީހަކު ވަދެ ބިރު ދެއްކީ ހެންވޭރު ދޫހެމެރި މަގުގައި ހުންނަ "އައިޑިއާ އޮރިޖިނަލް" ނަމަކަށް ކިޔާ ފިހާރައިގެ ސޭޓަށެވެ. މި ފިހާރައިން ފޭރުނީ ހެންވޭރު ޖަނަވަރީ މަގު، "ސިމާ" ފިހާރައަށް ވެދެ އަންހެން ސޭޓަށް ބިރުދައްކައި ފޭރުމާއި އެ މަގުގައި ހުންނަ ސޮނީގެ ހާޑުވެއާގެ ލޭބާ ކްއާރަށް ވަދެ ބިދޭސީއަކަށް ބިރުދެއްކިތާ 48 ގަޑިއިރު ނުވަނީހެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 10:15 އެހާކަންހާއިރު ތޫނު ހަތިޔާރެއް ހިފައިގެން ހުރި މީހަކު އެ ފިހާރައަށް ވަދެ، ސޭޓަށް ބިރުދެއްކުމަށްފަހު ފިހާރައިގެ ވަތްގަނޑުން 600ރ. ފޭރިގަނެގެންފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އައިޑިއާ އޮރިޖިނަލް ވަދެ ފޭރުނު މީހާއާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވައެވެ.
"އަޅުގަނޑުމެން މިދަނީ މައްސަލަ ތަހުގީގުކުރަމުން" އޮފިޝަލު ވިދާޅުވި އެވެ.
ދާދިފަހުން މާލެއާއި އަތޮޅުތަކުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފަ އެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ޓްރެވެލް އެޖެންސީއެއް ފަޅާލައިގެން 400،000ރ. އަށް ވުރެ ގިނަ ފައިސާ އާއި 19،000 ޑޮލަރު ބަޔަކު ވަގަށް ނަގައިފައި ވެ އެވެ.
އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭންކުން ފައިސާ ނަގައިގެން ދިޔަ މީހެއްގެ އަތުން 243،000ރ. ފޭރިގެން ފައިފައިވާއިރު ހަމަ އެދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމްޓީސީސީ ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް މަސް ދޯންޏަކުން 11،300ރ. ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ.
އެންމެފަހުން ބޮޑެތި ވައްކަންތަކެއްކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 17 މީހުންނަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ބަޔަކެވެ އަދި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން، މާލެއާ ހުޅުމާލޭގެ 16 ތަނަކުން ވައްކަންކޮށްފައިވާ ދެ ގްރޫޕެއް ވެސް ފުލުހުން ވަނީ އަތުލައިގެންފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ