ކޯވިޑް-19 : އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ބިރު އެބައޮތް - ޑރ. މުޙައްމަދު ޢަލީ

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ބަލިމީހުންގެ ޢަދަދު ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި އިތުރުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް އައި.ޖީ.އެމް.އެޗުގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ 4898 އަށް އަރާފައެވެ. މީގެ ތެރެއއިން 1481 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި މެޑިކަލް ފެސިލިޓީތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 144އަށް އަރާފައެވެ.
ކޯވިޑް-19ގެ މިހާރުގެ ޙާލަތާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޯވިޑް-19 ބަލިމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ އައި.ޖީ.އެމް.އެޗުގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރާއި އަޅާބަލާފައި، މި ބަލިފެތުރެމުންދާ ޓްރެންޑަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
އެގޮތުން ބަލި ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ނިސްބަތުން ދަށްކަން ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ. އަދި އޭރު ރާއްޖޭގެ ރިކަވަރީ ރޭޓުވެސް މަތިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
"ކުރީގައި ގިނަ ބަޔަކު ޕޮޒިޓިވްވިކަމުގައިވިޔަސް ބަލިން ރިކަވަރވާވަރު ވަރަށް ގިނަ. އަދި ސީރިއަސްވާ ކޭސްތައްވެސް ތަންކޮޅެއް މަދު ކުރީގައި. ނަމަވެސް މިހާރު ވަރަށް ބޮޑު ޗާންސެއް އެބައޮތް ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާއެއްގެ ތެރޭގައި މި ބަލީގައި ސީރިއަސްވާ މީހުންގެ ޢަދަދު އިތުރުވުން. މާނައަކީ އައި.ސީ.ޔޫގައި އެޑްމިޓްކުރުމާއި، ވެންޓިލޭޓަރަށް ލާންޖެހޭ ވަރަށް ޙާލަތު ގޯސްވުމުގެ ޗާންސް ވަރަށް ބޮޑު. އެހާވަރަށް ޙާލަތު ގޯސްވާވަރަށް މީހުން ޢަދަދު އިތުރުވުމުގެ ބިރު އެބައޮތް" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މެދުއުމުރުގެ މީހުން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ ފަރާތްތަކާއި، ފުއްޕާމޭގެ ބަލިތަކާއި އެނޫންވެސް ދިގު އުމުރަށް ބޭސްކުރަންޖެހޭ ބަލިތަކުގެ ޕޭޝަންޓުން އިތުރުވާކަމީވެސް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގިނަ ޕޭޝަންޓުންނަކީ ފުއްޕާމޭގެ 50 އިންސައްތައަށްވުރެ ކުޑަކޮށް މަސައްކަތްކުރާ މީހުން. އޭގެ ތެރޭގައި ގޭގައި އޮކްސިޖަން ބޭނުންކުރާ ޕޭޝަންޓުންނާއި، ބައިޕެޕް މެޝިން ބޭނުންކުރާ ޕޭޝަންޓުން އެބައުޅޭ. އަދި ހަކުރު ބައްޔާއި، ލޭ މައްޗަށް ދިއުމާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭތީ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ކެޕޭސިޓީއަށް ބަލާއިރު، ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް މައިތަނެއްގެ ގޮތުގައި ބޭނުންކުރާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 250 އެނދު ވަނީ ޤާއިމުކޮށްފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދިނުމަށް 10 އެނދު ޚާއްސަކޮށްފައިވާއިރު، 16 ވަނަ ފަންގިފިލާގައި ފަރުވާ ދިނުމަށް 6 އެނދު ވަނީ ޚާއްސަކޮށްފައެވެ.
ށ. ފުނަދޫ : 20 އައި.ސީ.ޔޫ އެނދު / 37 އައިސޮލޭޝަން އެނދު
ބ. އޭދަފުށި : 20 އައި.ސީ.ޔޫ އެނދު / 25 އައިސޮލޭޝަން އެނދު
ލ. ގަން : 15 އައި.ސީ.ޔޫ އެނދު / 13 އައިސޮލޭޝަން އެނދު
ގއ. ވިލިނގިލި :18 އައި.ސީ.ޔޫ އެނދު / 5 އައިސޮލޭޝަން އެނދު
އައްޑޫ ސިޓީ : 23 އައި.ސީ.ޔޫ އެނދު / 20 އައިސޮލޭޝަން އެނދު
ހއ. އިހަވަންދޫ : 3 އައި.ސީ.ޔޫ އެނދު
ފުވައްމުލައް ސިޓީ :5 އައިސޮލޭޝަން އެނދު
މީގެ އިތުރުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށްޓަކާ 12 ތަނެއް އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި މިވަގުތު ބޭނުންކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި ކޭސްތައް އިތުރުވާ ވަރަކުން އައިސޮލޭޝަން ފެސިލިޓީތައްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ