ބިލު އޮތީ ވެރިކަން ހިންގާ ބާރާއި ގާނޫނުހަދާ ބާރު ފުށުއަރައި، ފުލުހުންގެ މިނިވަންކަން ގެއްލޭގޮތަށް: ބާ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާާސާ ކުރަމުން އަންނަ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު މިހާރު އެކުލަވާލާފައި އޮތްގޮތުން ވެރިކަން ހިންގުމުގެ ބާރުގެ މަސްއޫލިއްޔަތުތަކާއި، ގާނޫނު ހަދާ މަޖިލީހުގެ ބާރުތަކާ ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އެކަންކަމުގެ ސަބަބުން ފުލުހުންގެ އޮޕަރޭޝަނަލް އިންޑިޕެންޑެންސަށް ހުރަސްތަކެއް އެޅޭނެކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
ފުލުހުންގެ ބިލު ދިރާސާ ކުރަމުން އަންނަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ބިލުގައި ހިމެނިފައިވާ ކަންތައްތައް ފާހަގަކުރައްވައި، ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ ގާނޫނުތަކާ ފުށުއަރާ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ބިލުގައި އެބަހުރި ކަމަށެވެ.
އެގޮތުން 17 ކަމެއް މިހާރު އޮތް ބިލުން އިސްލާހު ކުރަން ހުށަހަޅުއްވާ ކަމަށް މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ ގާނޫނު ތަންފީޒު ކުރުމުގެ ހިދުމަތަކަށް ވާއިރު، އެކަން ކުރުމުގެ ބާރު އޮންނަން ޖެހޭނީ އެގްޒެކްޓިވްގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އެހެންކަމުން އެކަންކަން ހިނގަންޖެހޭނީ ވެރިކަން ހިންގާ ބާރުގެ ބެލެހެއްޓުމުގެ ދަށުން ކަމަށާއި މަޖިލީހުގައި އޮންނަން ޖެހޭނީ އޯވަސައިޓް މަސްއޫލިއްޔަތެއް ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ބިލުގައި މަޖިލީހުގެ 241 ކޮމިޓީއަށް ދީފައިވާ ބާރު އޭނާ ފާހަގަކުރެއްވިއެވެ.
މައުމޫނު ވިދާޅުވީ، ފުލުހުންގެ ބިލު މިހާރު އޮތް ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތާ ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ފުށުއަރާ ކަންކަން ފުލުހުންގެ ގާނޫނުން އުނިކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި އެކަން ގެނައުމަށް ހުށަހަޅުއްވާ ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ. މައުމޫނު މިހެން ވިދާޅުވީ، ފުލުހުންގެ ބިލުގައި ހިމެނޭ ތަހުގީގީ ބައެއް ބާރުތަކަށް އިޝާރާތް ކުރައްވައެވެ.
މައުމޫނު ވިދާޅުވީ، ފުލުހުންގެ ބިލުގައި ކުށްކުށާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ފުށުއަރާގޮތަށް ކަމަށެވެ.
މައުމޫނު ވިދާޅުވީ، ފުލުހުންނަށް ލިބޭ ހައްގުތައް ގާނޫނަކުން މެނުވީ ހަނިކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ބިލު އެކުލަވާލާފައިވާގޮތުން ގަވައިދަކުން ފުލުހުންގެ ބައެއް ހައްގުތައް ހަނިކުރެވޭ ކަމަށާއި އެއީ ރައްކާތެރިކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެންމެ ރައްކާތެރި ގޮތަކީ މަޖިލީހުން ބަސްބުނެގެން ހަދާ ގާނޫނަކުން، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާގޮތަށް ހައްގުތައް ހަނުުރެވޭގޮތަށް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ