ޖިންސީ ޝިކާރައަކަށް ވެ، މުޅި އާއިލާ ހަލާކުވެފައި!

ނޯޓު: މިއީ ބައްޕަ އާއި އެއްބަނޑު އެއްބަފާ ބޭބެމެންގެ ފަރާތުން ހަތަރު އަންހެން ކުދިންނަށް ލިބުނު ޖިންސީ ގޯނާގެ ވާހަކަ ގެނެސްދީފައިވާ ރިޕޯޓެއް. މި ރިޕޯޓު ގެނެސްދީފައިވަނީ ގޯނާތަކުގެ ތަފްސީލު، ކިޔުންތެރިންނަށް ފަސޭހަވާނެ ވަރަށް ކުޑަކުރުމަށް ފަހުގައި
ގޭތެރެއިން ލިބެމުން ދިޔަ ޖިންސީ އަނިޔާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން އެދުމުން އޭނާ އެންމެ ފުރަތަމަ ވެސް އޮއްސާލީ ސުވާލުތަކެކެވެ. މި ވާހަކަތަކުން އޭނާއަށް އިންސާފު ލިބިދާނެތޯއޭ އެވެ؟ ކުޑައިރުގެ މައުސޫމުކަން ގޭތެރެއިން ބަޔަކު ފޭރިގަތުމުން، އެކަމުން ސަލާމަތްވާން އެތައް ތަނަކަށް ދުވި އިރު ނުވި ފައިދާއެއް މިހާރު ވަކި ވާނެތޯއޭ އެވެ؟
އެތައް ޝަކުވާތަކާއި ސުވާލުތަކަށް ފަހު، ނޫހުގައި ނަން ނުޖެހުމަށް އެދި، އެ ވާހަކަތައް ކިޔައިދޭން އޭނާ އެއްބަސްވި އެވެ. އެކަމަކު މިހާރު 22 އަހަރުގެ އެ ޒުވާނާގެ އެހެން ޝަރުތެއް ވެސް އޮތެވެ. ޖިންސީ ޝިކާރައަކަށް ހެދި އޭނާގެ ބައްޕައަށް ބައްޕަ ނުކިޔައި، ނަމުން މުހާތަބު ކުރުމަށެވެ. އޭނާ ދެކޭ ގޮތުގައި އުފަން ހުރިހާ ދަރިންނަށް ޖިންސީ ގޯނާކުރި މީހަކަށް ބައްޕައެއްގެ ދަރަޖައެއް ނުދެވޭނެ އެވެ. އެހެންވެ އޭނާ އެދުނީ ބައްޕަގެ ބަދަލުގައި އޭނާގެ ނަން، މޫސަ ބޭނުން ކުރުމަށެވެ.
އެ ޒުވާނާ ބުނިގޮތުގައި، އޭނާގެ ދޮއްޓަށް ހަތަރު ބޭބެ އާއި ތިން ދައްތަ ހުންނައިރު، އެ ހުރިހާ ކުދިންނަށް ވެސް މޫސަ ވަނީ ޖިންސީ ގޯނާކޮށްފަ އެވެ. މިއީ އޭނާ އުފަންވުމުގެ މާ ކުރިއްސުރެ ގޭތެރޭގައި ހިނގަމުންދާ ކަންތައްގަނޑެކެވެ. ޒުވާނާގެ ބަހުން ނަމަ، ހަތަރު އަންހެން ދަރިން މޫސަ ގެންގުޅުނީ "ޝަހުވާނީ އެދުން ފުއްދުމަށް ގެންގުޅޭ ކުޅޭ އެއްޗެހިތަކެއްގެ" ގޮތުގަ އެވެ.
ދަރިއަކާ ބެހިގެން، މޫސަގެ މައްސަލަ ވަނީ މީގެ ފަންސަވީހަކަށް އަހަރު ކުރިން، ޒުވާނާ އުފަންވުމުގެ ވެސް ކުރިން، ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ. އެކަމަކު އެ ފަހަރު މައްސަލަ ނެގީ، "ފިރިމީހާ ބަންދުކުރުމުން ދަރިންނާއި އަނބިމީހާ ހާލުގައި ޖެހޭނެ" ކަމަށް އޭރު ބަޔަކު އޭނާގެ މަންމައަށް ވިސްނައިދިނުމުން ކަމަށް ބުންޏެވެ.
އަނިޔާތަކަށް އެތައް އަހަރެއް، ލިބުނީ ކުޑަ އަދަބެއް
މޫސަގެ އަނިޔާތައް ފެށުނު އިރެއް ބުނާކަށް ވެސް ޒުވާނާއަކަށް ނޭނގެ އެވެ. ހަނދާން ހުންނަން ފެށީއްސުރެ، މޫސަ ބުނާ "ކަންތައްތައް" ކޮށްދޭން ޖެހެ އެވެ. އޭނާ ބުނާ ގޮތުން، މަންމަގެ ބަދަލުގައި ހުރިހާ އަންހެން ކުދިން ވެސް ނިންދެވީ މޫސަގެ ގާތުގަ އެވެ.
އަހަރެންގެ ކުރިމަތީގައި ވެސް ދައްތަ ރޭޕްކުރި. އޭރު [ބޭބެ]ގެ އުމުރުން 18 އަހަރަށް ވުރެ ބޮޑުވާނެ. ދައްތައަށް ވާނީ 11 ވަރަކަށް އަހަރު
ސިއްރުވެފައިވާ މޫސަގެ މި އަމަލުތައް ފަޅާއެރީ، ޒުވާނާ ޕްރީ ސްކޫލުގައި ކިޔެވި އިރު، ކްލާސް ތެރޭގައި ދެކެވުނު ވާހަކައަކުންނެވެ. އުމުރާ ނުގުޅޭ ވާހަކައެއް ކުއްޖަކާ ދިމާއަށް ބުނުމުން، ޓީޗަރުންގެ ސަމާލުކަމަށް އެކަން އައިސް، އެ އަނިޔާތަކުގެ ވާހަކަ ދައްކަން އޭނާއަށް މަޖުބޫރުވީ އެވެ. ކޮންމެ ދުވަހަކު، އޭނާ އަށާއި ދައްތަމެންނަށް ލިބެމުން ދިޔަ ގޯނާތަކުގެ ވާހަކަތައް ޓީޗަރުންނަށް ކިޔައިދިނީ މަންމަގެ ހާޒިރުގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކޮށް، މޫސަ ހައްޔަރުކުރީ، އޭނާ މަސައްކަތް ކުރާ ބޭރު ދަތުރުކުރާ ބޯޓެއްގައި ފުރަން އުޅެނިކޮށެވެ. ފަހުން އެނގުނު ގޮތުގައި، އޭނާ ވަނީ ފިރިހެން ދަރިން ވެސް ބޯޓަށް ގެންގޮސް، އެކި ފާޑުގެ ފިލްމުތައް ދައްކައި އެ ކުދިންނަށް ވެސް ގޯނާކޮށްފަ އެވެ.
ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް ފިރިހެން މީހާގެ މައްޗަށް މައްސަލަ ސާބިތުވެ، ހަ އަހަރަށް ޖަލަށް ލާން ހުކުމްކުރި އެވެ. އެތައް އަހަރެއް ވާންދެން، މޫސަގެ ފަރާތުން ދަރިންނަށް ލިބެމުން ދިޔަ ގޯނާތަކަށް ނިމުން އައީ އެހާ ހަމައިންނެވެ.
އެއް އަނިޔާއެއް، އެހެން ބައެއްގެ ފަރާތުން
ބައްޕަ ހައްޔަރުކުރި ނަމަވެސް ގޭތެރެއިން އަންހެން ކުދިންނަށް ލިބެމުން ދިޔަ އަނިޔާތަކެއް ނުހުއްޓުނެވެ. ދެން އެކަން ކުރިމަތިވީ، އެއްބަނޑު އެއްބަފާ ބޭބެމެންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ގޯނާތައް ކުރަން ފެށީ، މަންމަ އޮފީހަށް ދިޔުމުން ނުވަތަ ދޮއްޓަށް ތިބި ދައްތައިން ބަދިގޭގައި އުޅޭ ވަގުތުތަކުގައި ކުޅެން އުޅުމުގެ ތެރޭގަ އެވެ. ގައިގައި އަތްލައި، ކުދިކުދި ގޯނާތައް ކުރަން ފެށީ ކުޅުމުގެ ނަމުގަ އެވެ. އެކަމަކު މޫސަ ހައްޔަރުކުރުމާ އެކު، ނިދާ ވަގުތުތަކުގައި ކުދިންނާ ބެހި، އަމަލުތައް ނުބައިވި އެވެ.
"އަހަރެންގެ ކުރިމަތީގައި ވެސް ދައްތަ ރޭޕްކުރި. އޭރު [ބޭބެ]ގެ އުމުރުން 18 އަހަރަށް ވުރެ ބޮޑުވާނެ. ދައްތައަށް ވާނީ 11 ވަރަކަށް އަހަރު،" ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ލޯ ކުރިމަތީގައި ދައްތަމެންނަށް ލިބެމުން ދިޔަ އަނިޔާ، އެންމެ ފަހުން އޭނާއަށް ވެސް ކުރިމަތިވި އެވެ. އެކަމަކު އޭރު ވެސް އޭނާއަކީ ވަރަށް ގިނައިން ބިރުވެރި ހުވަފެން ފެނިގެން ރޯ ކުއްޖަކަށް ވާތީ، ގޭތެރެއިން ލިބޭ އަނިޔާތަކުގައި އޭނާގެ ރުއިމުގެ އަޑު ކަނޑުވާލީ ހުވަފެން ފެނުނީ ކަމަށް ބުނަމުންނެވެ.
އެކަން އޮތީ އާއިލީ ސިއްރެއްގެ ގޮތުގަ އެވެ. އެކަކު އަނެކަކަށް އެ ވާހަކަތައް ދައްކައެއް ނޫޅެ އެވެ. އެކަމަކު، އެ ބިރުވެރިކަމުން ސަލާމަތްވުމުގެ ހިތްވަރު ޒުވާނާއަށް ލިބުނީ އޭގެ ހަ އަހަރު ފަހުން، އޭނާގެ އުމުރުން 12 އަހަރުގަ އެވެ.
ގޭގެ ސޯފާގައި ނިދާފައި އޮއްވާ، ބޭބެ އައިސް އޭނާއަށް ގޯނާ ކުރަން ފެށުމާ އެކު ބާރަށް ހަޅޭއްލަވައި ގޭގެ އެންމެން ހޭލެއްވި އެވެ. އެހާ ހިސާބުން މަންމައަށް ވެސް މަޖުބޫރުވީ ފެނުނު މަންޒަރު ގަބޫލުކޮށް، ކަމާ ބެހޭ ފަރާތަށް މައްސަލަ ހުށަހަޅާށެވެ. އެކަމަކު ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމަށް ފަހު، ޒުވާނާ ބުނިގޮތުގައި މައްސަލަ އަނބުރާ ގެންދިޔައީ މަންމަގެ އެދުމަށް، "މިހާރު ބޭބެ ބިރުގަންނާނެ" ކަމަށް ބުނަމުންނެވެ. އެކަމަކު އެކަން ތަކުރާރުވެ، އޭނާ ހައްޔަރުކުރި އެވެ.
މީހެއްގެ އަމަލަކާ ހެދި، މީހަކަށް ދިމާވެދާނެ އެންމެ ވޯސްޓް ކޮންސީކުއެންސެސް ތަހައްމަލުކޮށްފިން. އަދިވެސް، އޭގެ ފަހަކުން މީހަކަށް އަހަރެންގެ ގަޔަކު ލޯބިން އަތެއް ނުލެވޭ
ކޮއްކޮއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް މައްސަލަ ސާބިތެއް ނުވި އެވެ. އެންމެ ފަހުން، އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ދެ ފަހަރަށް މައްސަލަ ހުށަހަޅައިގެން ވެސް ބޭބެގެ މައްޗަށް މައްސަލަ ސާބިތު ނުވެ، އަނބުރާ ގެއަށް ފޮނުވާލި ދުވަހު، މިކަމުގައި އިންސާފެއް ނުލިބޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އިއްތިފާގުން ހަމަ އެ ދުވަސްވަރު، އޭނާގެ ބައްޕަ ވެސް ޖަލުން ދޫކޮށްލުމުން، އިންސާފު ހޯދުމުގައި ހަތިޔާރު ބެހެއްޓީ އެވެ.
"[މޫސަ] ޖަލުން ދޫކޮށްލި ދުވަހު ގޭގައި ދައްތައެއްގެ ބާތުޑޭ ޕާޓީއެއް އޮޮތް. އޭނާ ގެއަށް އައިސް ވަނުމާ އެކު ހުރިހާ ކުދިން ބިރުން އެކި ތަންތަނަށް ދުއްވައިގަތީ. އެ ދުވަހު އެނގުނު ހުރިހާ ކުދިން ވެސް [މޫސަ] ދެކެ ކިހާ ބިރުގަންނަކަން،" އެ ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި އެ ދުވަހަށް ފަހު، އެ މީހުންގެ ހަޔާތުން ބައްޕަ ގެއްލިއްޖެ އެވެ. އަދި ހަގަށް ތިބި އަންހެން ކުދިން ގޮވައިގެން މަންމަ އެހެން ގެއަކަށް ބަދަލުވުމުން، ބޭބެމެންގެ ފަރާތުން ލިބެމުން ދިޔަ ގޯނާތަކަށް ވެސް ނިމުން އަ އެވެ. ދޮށީ ދެ ބޭބެއިން މީހުންނާ އިނދެގެން އެހެން ރަށެއްގައި އުޅޭއިރު ހަގަށް ތިބި ދެ ބޭބެ މިހާރު ތިބީ، މީހުން މެރުމާއި މަސްތުވާތަކެތީގެ ބޮޑެތި ކުށްތަކެއް ސާބިތުވެގެން ޖަލުގަ އެވެ.
ފެށުނީއްސުރެ އާއިލާ ތެރެއިން ގޯނާތައް ކުރިމަތިވި ނަމަވެސް، މިކަމުގައި އޭނާ މަންމަ ކުށްވެރިކުރާކަށް ބޭނުމެއް ނޫނެވެ. ޒުވާނާ ބުނީ އެންމެ ކުޑައިރުއްސުރެ މަންމަ އުޅުނީ ވަރަށް ބަލިވެ، މަންމަގެ އަމިއްލަ މައްސަލަތަކުގެ ތެރޭގައި ކަމަށެވެ. އަދި މަންމަގެ މައްޗަށް އެހެން "ނުފޫޒެއް" ނުފޯރުވާ ނަމަ، މަންމަ އެކަންކަން ހުއްޓުވީސް ކަމަށް އޭނާ ބުންޏެވެ.
އެތައް އަހަރެއް ފަސް... އަދިވެސް އެ ވޭނުގައި
އާއިލާގެ ފިރިހެނުންގެ ފަރާތުން ލިބެމުން ދިޔަ ގޯނާތަކަށް ނިމުން އައި ނަމަވެސް، މިހާރު 22 އަހަރު ވެފައިވާ އެ ޒުވާނާ އަދިވެސް އުޅެނީ އެ ވޭނުން ސަލާމަތް ނުވެގެންނެވެ. ގްރޭޑް އެކަކުން ފަށައިގެން ސްކޫލު ދައުރު ނިމެންދެން އޭނާ ކައުންސިލަރުންގެ ގާތަށް ދިޔަ އެވެ. މީގެ ތިން އަހަރު ކުރިއާ ޖެހެންދެން، އޭނާ ސައިކޭޓްރިއަސްޓުންގެ އެހީ ހޯދި އެވެ. އެކަމަކު އެ ފަރުވާ ވެސް އޭނާ ހުއްޓާލީ، ކޮންމެ ދުވަހަކު ވެސް، އެ ވާހަކަތައް ދައްކައިގެން މާޒީގެ ބިރުވެރިކަމަށް ދާން ޖެހޭތީ އެވެ.
"ތެދަށް ބުނަންޏާ އަދިވެސް އަހަރެން ފިރިހެނުން ދެކެ ވަރަށް ބިރުގަނޭ. ފަހަތުން މީހަކު ކޮއްޓާލިޔަސް، ނިދާފައި އޮންނައިރު ގައިގައި އަތްލިޔަސް ސިއްސައިގެން ދަނީ. ހަމަ އޯކާ ދެމޭ ގޮތް ވަނީ،" އެ ޒުވާނާ ކިޔައިދިނެވެ.
"ކިތަންމެ ގައިގައި ރިއްސިޔަސް، ބޭސް ވެސް އުނގުޅަނީ އަމިއްލައަށް."
ޑިޕްރެޝަނާއި އެންޒައިޓީ އާއި ބައިޕޯލާ ފަދަ ނަފްސާނީ ބަލިތަކުގެ ނުރައްކާތެރި ހާލަތްތައް އެ ޒުވާނާ ތަހައްމަލުކޮށްފި އެވެ. އެކަމުން އަރައިގަތުމަށް އަހަރުތަކެއް ވާންދެން، ބޭސް ކެޔެވެ. އަދިވެސް އޭނާ އުޅެނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ.
"މީހެއްގެ އަމަލަކާ ހެދި، މީހަކަށް ދިމާވެދާނެ އެންމެ ވޯސްޓް ކޮންސީކުއެންސެސް ތަހައްމަލުކޮށްފިން. އަދިވެސް، އޭގެ ފަހަކުން މީހަކަށް އަހަރެންގެ ގަޔަކު ލޯބިން އަތެއް ނުލެވޭ."
އެ ޒުވާނާ ބުނިގޮތުގައި ބައެއް މީހުން އޭނާ ދެކެނީ ވަރަށް "މުޑުދާރު" މީހެއްގެ ގޮތުގަ އެވެ. "އެންމެން އަތްލާފައި ހުރި މީހެކޭ" އޭނާއާ ދިމާއަށް މީހަކު ބުންޏެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އޭނާ ދެރަވީ އާއިލާއެއްގެ ލޯބި ނުލިބުމުންނެވެ.
"ހަނދާންވޭ ވަރަށް ކުޑައިރު ވެސް ދުއާކުރަން ބައްޕަ ރަނގަޅުވޭތޯ. ބޭބެމެން ރަނގަޅުވޭތޯ. ކުރިން ބައްޕަ ކިޔަނީ އެހެން ނުކިޔައިފިއްޔާ ފާފަ ލިބޭނެ ކަމަށް ހީކޮށް. އެކަމަކު މިހާރު ބޭނުމެއް ނޫން އެ މީހުންގެ ނަމުން ނޫން ގޮތަކަށް މުހާތަބު ކުރާކަށް ވެސް،" އޭނާ ބުންޏެވެ.
އެ ޒުވާނާއަށް އިންސާފު ނުލިބުނު އިރު، މޫސަ އަދިވެސް ހުރީ މުޖުތަމައުއަށް ދޫވެފަ އެވެ. ހަ އަހަރުގެ ޖަލުގެ ހުކުމުން ސަލާމަތްވި ނަމަވެސް އޭގެ ފަހުން ވެސް އެހެން ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި އެވެ. އާއިލާގެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ދެ ބޭބެއަށް ވެސް މިހާތަނަށް އަދަބެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ