ކޮވިޑް-19: ރާއްޖެއިން ބަލި ފެނުނުތާ 121 ދުވަސް، މިހާރު ފަރުވާދެނީ 361 މީހަކަށް

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 361 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 403 ގައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 19 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.
އިއްޔެ އިތުރު 23 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2491 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2113 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން 64 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 12 މީހަކު ވަނީ ނިޔާވެފައެވެ. މީގެތެރޭގައި އިއްޔެ ނިޔާވި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނެއެވެ. މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 64.19‬ އިންސައްތަ އަކީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 1599 ބިދޭސީއަކަށް މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 892 ގައެވެ.
ރާއްޖެއިން ޖުމްލަ 2082 ފިރިހެނަކާއި 400 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 107 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 261 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 121 ދުވަސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ